Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ވެންޓިލޭޓަރު މައްސަލަ – ފައިސާ ޖަމާވިތަން ހޯދައިފިނަމަ އަދިވެސް ދައުވާ ކުރާނަން: ޕީޖީ

ޕީޖީ ހުސައިން ޝަމީމް--

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް ނިންމާ ފައިސާ ދެއްކި އެހެންނަމަވެސް ނުލިބި ހުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި، އެ ފައިސާ ޖަމާވިތަނެއް ތަހުގީގުން ހޯދައިފިނަމަ އަދިވެސް ދައުވާ ކުރާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލައަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ޝަމީމް ވިދާޅުވީ ޕީޖީގެ ފަރާތުން މީހެއްގެ މައްޗަށް ދައުވާއެއް ކުރަންވާނީ ދައުވާ ކުރެވޭ ވަރަށް ހެކި ހުރެގެން ކަމަށާއި، ކޯޓާއި ހިސާބުން މައްސަލަ ސާބިތު ވުމާއި ނުވުމަކީ އަދި އެހެން ކަމެއްކަމަށެވެ.

ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފުލުހުންނާއި ގުޅިގެން ހިންގި ތަހުގީގުގަށްފަހު އެ މައްސަލަ ދެފަހަރު މަތިން ޕީޖީއަށް ފޮނުވިއިރުވެސް މިކަމުގައި ހިމެނޭ ކޮރަޕްޝަންގެ ފައިސާ ލިބިގެން އުޅޭ މީހެއް ނުވަތަ އެފައިސާ ޖަމާވި އެކައުންޓެއް އަދިވެސް ހޯދިފައިނުވާކަމަށެވެ.

އޭސީސީއިން ދެވަނަ ފަހަރަށް މައްސަލަ ފޮނުވިއިރު ބައެއް މީހުންގެ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ފޮނުވާފައިވާކަމަށާއި، އެހެންނަމަވެސް އެ މައުލޫމާތުތަކަކީ މައްސަލައާ ގުޅުމެއް ހުރި މައުލޫމާތުތަކެއްކަމަށް ނުބެލެވޭކަމަށް އޭސީސީންވެސް ބުނެފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ.

"އެ އެކައުންޓްތަކަށް ކޮންމެވެސް ވަރަކަށް ފައިސާ ވަދެފަ އެބަހުރި، އެހެންނަމަވެސް މި ތުހުމަތުކުރާ މިންވަރުގެ ފައިސާއެއް ނެތް. މިދެންނެވީ އެގޮތަކަށް ފާހަގައެއް ނުކުރެވެއޭ ވަކި ބޮޑު އެމައުންޓެއް ވަކި ދުވަސްވަރެއްގައި ވަކި މަންފާއެއް ލިބޭގޮތަށް ވަދެފަހުރިއްޔޭ." ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ފައިސާއާއި ގުޅޭ ބައެއް އެހެން މައްސަލަތަކުގައި ތަހުގީގަށްފަހު މައްސަލަ ލިބޭއިރު އޮންނަގޮތް ކިޔައިދެއްވަމުން ޕީޖީ ވަނީ މަސްތުވާތަކެތީގެ މައްސަލައިން މިސާލު ނަންގަވާފައެވެ. އެގޮތުން ވަކި މީހަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުނަށް ގުޅާ ވަކި ވަރަކަށް ފައިސާ ޖަމާ ކުރަން ބުނުމުން އެ ފައިސާ ޖަމާވާކަން ފެންނަން ހުންނަ ކަމަށާއި، ފުލުހުން އެ މައުލޫމާތުތައް ހޯއްދަވާފައި ހުންނަކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި އެ މައުލޫމާތުތައް ވަކިމީހަކާ ގުޅުވޭވަރަށްވެސް ފުލުހުން ހެކި ހޯދައިފައި ހުންނަ ކަމަށާއި، އެގޮތުން ފޯން ކޯލްތަކާއި މެސެޖުތައް ހޯދާފައި ހުންނަކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ، ޕީޖީގެ ޒިންމާ އަކީ އެ ހެކި މީހުންނާއި ގުޅޭގޮތުން ކޯޓުގައި ސާބިތުކޮށްދިނުން ކަމަށެވެ.

"އެކަން ނެތިއްޔާ އަޅުގަނޑުމެން ކީކޭގޮސް ބުނާނީ ކޯޓުގަ. ކޮންވާހަކައެއް ދައްކާނީ. އެ ގުޅުވާލެވޭ ގޮތަކަށް ނެތޭ. ދެން އެހެން ގޮތަކަށް ބުނަންޏާ ޕްރޮސިކިއުޝަންގެ ކަމަކަށް އޮންނާނީ ކޯޓުގައި ސާބިތުކޮށްދެވޭނީ ކޮން ކަމެއްތޯ ވިސްނުން. އެ ވިސްނުން ވިސްނައި އެ ދިމާލަކަށް މަސައްކަތްކުރުން." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ތަހުގީގުން އަދިވެސް އެފައިސާ ވަދެފައިވާތަނެއް ހޯދިފައިނެތްކަމަށާއި، އެފައިސާ ވަދެފައިވާތަން ތަހުގީގުން ހޯދައިފިނަމަ އަދިވެސް ދައުވާ ކުރާނެކަމަށެވެ.

"އޭސީސީގެ ސިޓީގަވެސް އެބައޮވޭ ފައިސާ ވަތްތަނެއް ތިމަންނަމެންވަކަށް އަދިވެސް ނުހޯދެއޭ. އެކަން އެބަ ކުރަމުންދަމޭ. ދެން އެ ފައިސާ ވަތްތަނެއް ހޯދަވާފަ އެ ފައިސާ ލިބުނު މީހެއް ހޯއްދަވާފަ ގެންނަވައިފިއްޔާ އަޅުގަނޑުމެން ދައުވާ ކުރާނަން." ޝަމީމް ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވިއިރު އެ މައްސަލައިގައި ޕީޖީން ވަނީ ދައުވާ ނުކުރުމަށް ނިންމާފައެވެ. އަދި އެކަމާއި ގުޅިގެން އެ މައްސަލަ މަޖިލީހުން ބެލުމަށްފަހު ވަނީ އަލުން ދައުވާ ކުރުމަށް ޕީޖީއަށް ލަފާދީފައެވެ. އަދި ދެވަނަ ފަހަރަށްވެސް އޭސީސީން ފޮނުވި ލިޔެކިޔުންތަކަށް ބަލާ ޕީޖީން ވަނީ ދައުވާ ނުކުރުމަށް ނިންމާފައެވެ. އެކަމާއިގުޅިގެން ރައީސް ނަޝީދާއި އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުންގެ ނުރުހުންވަނީ ޕީޖީއާއި އޭސީސީއަށް ކުރިމަތިވެފައެވެ.