ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމުގެ ސަބަބުން މަގާމުން އިސްތިއުފާދޭން ތައްޔާރަށް ހުންނެވިކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޓީވީގެ ޕްރޮގްރާމެއްގައި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމުގެ ސަބަބުން މަގާމުން އިސްތިއުފާ ދީފާނަންތޯ ސުވާލުކުރުމުން ޝަމީމް ވަނީ އެކަން ކުރަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.
ޝަމީމް ވިދާޅުވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް އިހުތިރާމްކުރާ އަދި ވަރަށް ގަޔާވާ ބޭފުޅެއްކަމަށެވެ.
"ގަޔާވަނީ ރައީސް ނަޝީދަކީ ވަރަށް ގަދަޔަށް މަސައްކަތްކުރައްވާ ބޭފުޅެއް. މިރާއްޖޭގެ މަސްލަހަތު އެންމެ އިސްކޮށް ރައްކާތެރިކޮށްދެއްވާނެ ބޭފުޅެއްކަމަށް އަޅުގަނޑު ހަމަ ހިތުގެ އަޑިން ގަބޫލުކުރާ ބޭފުޅެއް." ޝަމީމް ވިދާޅުވިއެވެ.
ވެންޓިލޭޓަރު މައްސަލައިގައި ރައީސް ނަޝީދު މެސެޖު ކުރެއްވިކަން ހާމަކޮށް ޝަމީމް ވިދާޅުވީ ރައިސް ނަޝީދު ކަމެއްގައި ގަބޫލުކުރައްވާގޮތް ވަރަށް ސާފުކޮށް ވިދާޅުވުމުން އިތުރަށް އެކަމުގައި ބުނާނެ އެއްޗެއް ނޯންނާނެކަމަށެވެ. ޝަމީމް ވިދާޅުވި އެކަމުގައި އެއްޗެކޭ ބުނާވަރަށްވުރެއް ރައިސް ނަޝީދަށް އިހްތިރާމްކުރާ ކަމަށެވެ.
"އަޅުގަނޑު މަންމަ ކަމަކު ބުނުން ކަހަލަ ކަމެއްކަމަށް އަޅުގަނޑު ބަލަނީ. ދެން އެކަމަކަށް ޒުވާބެއް ނުކުރާނެ ދެއްތޯ، ކޮމެންޓެއްވެސް ނުކުރާނެ." ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ޕީޖީގެ މަގާމުގައި ހުރުމަށް މާބޮޑު ޝައުގު ވެރިކަމެއް ނެތްކަމަށާއި، އިސްތިއުފާ ދިނުމަކީ ޕްރޮސެސްއެއް އޮންނަކަމެއްކަމަށެވެ. އަދި އެ ކަން ކުރަންވުމުން އެ އުސޫލުގެ ތެރެއިން ކަން ކުރައްވާނެކަމަށް ވިދާޅުވިއެވެ.