Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

އެންމެ މުހިންމު ކަމަކީ ޤާނޫނާއި އެއްގޮތަށް އަމަލުތައް ބަހެއްޓުން: ނައިބު ރައީސް ފައިސަލް

ނައިބު ރައީސް ފައިސަލް ނަސީމް-- ފޮޓޯ: ފުލުހުން

ފުރިހަމަ ޤާނޫނެއް އޮތުމުން ބޭނުންވާ މަގުސަދު ހާސިލު ނުކުރެވޭ ކަމަށާއި، ޤާނޫނާއެއްގޮތަށް ހުރިހާ ފުލުހުންވެސް އަމަލުތައް ބަހައްޓަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އާ ޤާނޫނުގެ ދަށުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ހުވަޔަކީ އާދައިގެ ކަމެއް ނޫންކަމަށާއި ތިމާގެ ވާޖިބު އަދާކުރާ، ތިމާގެ ޒިންމާ އަދާކުރާ ކޮންމެ ވަގުތަކުމެ، އެ ހުވާގެ މަތީގައި ދެމިހުރުން ލާޒިމުވާކަމަށެވެ.

އަދި ގާނޫނީ ޒިންމާ އަދާކުރުމުގައި ގާނޫނުން މަތިކޮށްފައިވާ ހުރިހާ ގޮތަކަށް ތިމާގެ އަމަލު ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށާއި ހުވައެއް ކުރުމަކީ އެ ހުވާ ކުރުމުން އެމީހާގެ މައްޗަށް އެހެން މީހުންގެ އިތުބާރު ބޮޑުވެގެންދާ ކަމެއްކަން ފާހަގަކުރައްވައި، ހުވަޔާ ހިލާފުވުމަކީ އޭގެ ސަބަބުން ބޮޑެތި އުޤޫބާތްތައް އެމީހަކަށް ލިބިގެންދާނެ ކަމެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޤާނޫނުގެ މަގުސަދު ހާސިލުވާނީ އެ ޤަނޫނާއި އެއްގޮތަށް އަމަލުތައް ބަހައްޓައިގެންކަމަށެވެ.

"ފުލުހުންގެ އެންމެ އިސް ވާޖިބަކަށް މިވަނި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތައް ނަގަހައްޓާ ދިވެހި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށް އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރުން." ނައިބު ރައީސް ވިދާޅުވިއެވެ.

މި ގައުމުގައި ހުރި މައްސަލަތަކަކީ އެއީ ވަކި އާއިލާއަކަށް އަދި ވަކިބަޔަކަށް ނިސްބަތްވާ މައްސަލަތަކެއް ނޫންކަމަށާއި ގައުމުގައި ހުރި ހުރިހާ މައްސަލަތަކަކީ އެ މައްސަލަތައް ހުރުމުން އެ ގައުމުގެ އެންމެހައި ރައްޔިތުންނަށް އޭގެ ސަބަބުން ހިތާމަޔާއި ދަތި އުނދަގޫތައް ކުރިމަތިވާ ކަންތައްތައް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް ފުލުހުންގެ ހިދުމަތް ލާމަރުކަޒުކޮށް އެ މަސައްކަތް ރަށު ކައުންސިލުތަކާއި، ޖަމިއްޔާތަކާ އަދި ރައްޔިތުންނާ ގުޅިގެން ކުރަމުންދާއިރު، ކުށްކުރުން ހުއްޓުވުމަށް ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދީ، އަމާން ވެއްޓެއް ގާއިމުކުރުމަކީ އެއީ އެންމެންގެ މަސްއޫލިއްޔަތެއްކަން ދަނެގެން އެ އަމާޒަށް ވާސިލުވުމަށްޓަކައި ދިވެހި އެންމެހައި ރައްޔިތުން މަސައްކަތްކުރުމަށް ގޮވައިލެއްވިއެވެ.

އޭގެ އިތުރުން، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި އަބަދުވެސް ވިސްނަންޖެހޭނީ އިންސާނީ ކަރާމާތާއި، މީހުންނަށް އިހުސާންތެރިވުމާއި، ވަކި މީހަކަށްވީތީވެ އިންސާފު ލިބޭނޭ ކަމަށް ގަބޫލުނުކުރުމާއި އަދުލުވެރިކަން އެއީ އަޅުގަނޑުމެންގެ އިސްލާމްދީނުން އަޅުގަނޑުމެންގެ މައްޗަށް އެންމެބޮޑަށް ބާރުއަޅާ ކަންތައް ކަމުގައެވެ. އެހެން ކަމުން ކުރާ ކޮންމެ ކަމެއްގައި އިންސާފުވެރިކަމާއެކު ކަންތައްތައް ކުރުމާއި އަދުލުވެރިކަންމަތީ ދެމިތިބުމަކީ އެއީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމުގައި ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.