Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

ފްލެޓް ކޮމިޓީން ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައިވަނީ އެންމެ ރަނގަޅަކަށް ނޫން: ކޮމިޓީ

ފްލެޓް ކޮމިޓީގެ ރައީސް ތޯހާ--

ހިޔާ މަޝްރޫއުގެ މައްސަލަ ބަލާ ފްލެޓް ކޮމިޓީން މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ބުނެފިއެވެ.

އެކޮމިޓީން މިފަދައިން ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައެވެ.

އެ ރިޕޯޓްގައި ކޮމިޓީން ހުށަހަޅާ ކަންކަމުގެ ގޮތުގައި ބުނެފައިވަނީ ހިޔާ މަޝްރޫއަކީ އިޖުތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކުރެވިފައިވާ މަޝްރޫއަކަށްވީ ހިނދު، އެ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން މުހިންމުކަމަށް ކޮމިޓީއަށް ފެންނާތީ، އެ މަޝްރޫއުގައި ހިމެނިފައިވާ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަކޮށްފައިވާ ކެޓެގަރީން ފްލެޓް ލިބުމަށް ޝަރުތުހަމަވެ، ފްލެޓް ލިބޭނެކަމަށް މިހާރު ކަނޑައެޅިފައިވާ ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާކުރުމަށްފަހު، ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ރާވާފައިވާ އެކި ގިންތިތަކުގެ ގެދޮރުވެރިކުރުވުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެފަރާތްތަކަށް ލިބޭ އާމްދަނއާއި ދިރިއުޅުމުގެ ހާލަތު އެންމެ އެކަށޭނަ ގިންތިއަކުން އެފަރާތްތަކަށް ފްލެޓް ނުވަތަ ހައުސިންގ ޔުނިޓް ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދިނުމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، އެ މަޝްރޫއުގެ ދަށުން ބިނާކުރެވުނު އިމާރާތްތަކުގެ ޑިޒައިނަށް ބަދަލުގެނައުމަށް ސަރުކާރުން ނިންމައި އެކަންތަންފީޒު ކޮށްފައިވާކަން ފާހަގަކޮށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ އެކަމުގެ ސަަބަބުން ފްލެޓް ލިބުމުން މަހުރޫމްވެފައިވާ 280 ފަރާތަކީ އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބުމަށް ޝަރުތު ހަމަވެ އެކަމުން މަހުރޫމްވެފައިވާ ފަރާތްތަކެއްނަމަ، ކުރިއަށް އޮތްތަނުގައި ސަރުކާރުން ހިންގާ ގެދޮރުވެރިކުރުވުމުގެ މަޝްރޫޢުތަކުން އެފަރާތްތަކަށް ސަރުކާރުން ފުރުސަތު ފަހިކޮށްދިނުމަށްވެސް ކޮމިޓީ ރިޕޯޓްގައި ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް އަލުން މުރާޖާކުރިއިރު، ޝަރުތު ފުރިހަމަނުވާ ފަރާތްތަކެއް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމަށް ހުށަހެޅިފައިވާ ޝަކުވާތައް ފްލެޓްތަކުގެ މައްސަލަަ ބަލާ ކޮމިޓީން ރަނގަޅަށް ބަލައި، އެފަދަ ފަރާތެއް ވާނަމަ އެފަރާތެއް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުން އުނިކުރުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފައިވެއެވެ.

މަޖިލީހުގެ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ފްލެޓަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް މުރާޖާކުރިއިރު ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައިވަނީ އެންމެ ފުރިހަމައަށް ނޫންކަން ކޮމިޓއަށް ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ފުރިހަމައަށް ވަޒަންކުރުމަށް ކޮމިޓީން ހުށަހަޅާފައިވެއެވެ.

މަޖިލީހުގެ ކޮމިޓީން ވަނީ ދިރިއުޅުމުގެ ހާލަތު އެހެން ކެޓެގަރީތަކުގައި ވަޒަންކުރި މިންގަނޑުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހާއްސަ ކެޓެގަރީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް ޕޮއިންޓް ދޭނެ އުސޫލެއް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ކަނޑައަޅައި، އެ ކެޓެގަރީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް އަލުން ވަޒަންކުރުމަށްވެސް ހުށަހަޅާފައެވެ.