ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ވީއެންމެ އަވަހަށް ދައުވާކުރުމަށް މަޖިލީހުގެ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ލަފާދީފިއެވެ.
އެކޮމިޓީން މިފަދައިން ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެކަމަށް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު އިއުލާނުކޮށްފައިވާ ފަރާތްތަކަށް ފްލެޓް ލިބޭނެކަމަށް އޭރު ކަނޑައަޅާފައިވާގޮތާ ގުޅިގެން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށެވެ.
އެގޮތުން އެކަމުގައި އަމަލީގޮތުން ހަރަކާތްތެރިވެފައިވާ ފަރާތްތަކާގުޅޭ ކޮރަޕްޝަނާ ގުޅުންހުރި އަދި ޖިނާއ މައްސަލަތައް ހިމެނޭ ކަންތައްތަކެއް ހުރިކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރަމުންދާކަން ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ސަރުކާރުން ވެސް އެކަން ފާހަގަކޮށްފައިވާ ކަން ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުްނ އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ތަޙުގީގީ އިދާރާތަކުން ތަހުގީގުކޮށް ދައުވާ ކުރަންޖެހޭ ފަރާތްތަކަށް ދައުވާކުރުމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަވަސްކުރުމަށް ކޮމިޓީ ރިޕޯޓްގައި ލަފާދީފައިވެއެވެ.
ހިޔާ މަޝްރޫއުގައި ކުރީ ސަރުކާރުން ފްލެޓް ދޫކުރިއިރު، އޭރުގެ މަޖިލީހުގެ މެމްބަރުންގެ އާއިލީ ފަރާތްތަކާއި އޭރުގެ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި އެކި ފަރާތްތަކާއި އެފަރާތްތަކުގެ އާއިލީ ފަރާތްތަކަށް ފެލެޓް ދީފައިވާކަމަށް ގިނަ ފަރާތްތަކަކުން ތުހުމަތުކުރެއެވެ.