Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

ވަގު ސަރުކާރެއް ތަމްސީލުކުރަން ވޯޓު ދޭންޖެހޭ ސަބަބެއްނެތް: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ވަގު ސަރުކާރެއް ތަމްސީލުކުރަން ރައްޔިތުން ވޯޓު ދޭންޖެހޭ ސަބަބެއް ނެތްކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ޓްވީޓް ކުރައްވާފައިވަނީ ވަގު ސަރުކާރަކާއި އެކު ދެމިއޮންނަން އެމްޑީޕީން ބޭނުންނުވާނެކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، މިސަރުކާރަކީ ވައްކަން ކުރާ ސަރުކާރެއްކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ އިދިކޮޅުން ދައްކާ ވާހަކައިގެ ހަގީގަތް ރައީސް ނަޝީދު ގަބޫލުކުރައްވާކަން ހާމަވާ ކަމެއްކަމަށެވެ.

"ރައީސް ނަޝީދުގެ މި އިއުތިރާފުން އެމްޑީޕީއަށް ވޯޓު އިތުރެއް ނުވާނެ." އާދަމް ޝަރީފްގެ ޓްވީޓްގައިވެއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ވަގު ސަރުކާރެއް ތަމްސީލުކުރަން ވޯޓުދޭންޖެހޭ ސަބަބެއްވެސް ނެތްކަމަށެވެ.

ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ވެންޓިލޭޓަރުގެ މައްސަލައިގައި މަތިޖެހުނަ ދީފިނަމަ، ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑުކަމަށެވެ.

"ސަރުކާރު މިކަމުގައި (ވައްކަމުގައި) ބައިވެރިވެފައިވާތަން ފެންނާނީ. ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނާކަސް ނޭދޭނެ." ރައީސް ނަޝީދުގެ ޓްވީޓްގައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިކަން ބަދަލުކުރަން ޖެހޭކަމަށާއި، އަދި މިކަމުގައި ދޫނުދެއްވައި ރައްޔިތުންނާއި އެކުގައި ހުންނާނެކަމަށެވެ.