Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީގެ ޕްރެސް ކޮންފަރެންސް މިއަދު

އޭސީސީގެ މެމްބަރުން - ފޮޓޯ: މަޖިލިސް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ނިންމައިފިއެވެ.

އޭސީސީން ބުނެފައިވަނީ މިއަދު މެންދުރުފަހު 15:45 ގައި ވެންޓިލާޓަރުތަކުގެ މައްސަލައިގައި ޕްރެސް ކޮންފަރެންސް ބާއްވާނެކަމަށެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޕީޖީން ވަނީ އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރުމަށް ނިންމާފައެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށްފަހު އިތުރަށް އެ މައްސަލަބަލާ ދައުވާކުރުމަށް ލަފާ ދިނެއެވެ. އެގޮތުގެ މަތިން އޭސީސީން އިތުރަށް އެ މައްސަލަ ބެލުމަށްފަހު ވެސް ޕީޖީ އަށް ފޮނުވުމުން ޕީޖީ ނިންމަވާފައިވަނީ މައްސަލައިގައި ދައުވާ ނުކުރަމަށެވެ.

ޕީޖީ ވިދާޅުވެފައިވަނީ އޭސީސީގެ ތަހުގީގުން މީހެއްގެ މައްޗަށް ދައުވާއެއް ކުރެވޭވަރަށް އުންސުރު ހަމަނުވާކަމަށެވެ.

އެކަމާއި ގުޅިގެން އޭސީސީގެ ރައީސް އާއި ޕީޖީ މަގާމުން އިސްތިއުފާ ދެއްވަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވަފައެވެ. އަދި ސަރުކާރުން ވަނީ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއި އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ ކަމަށް ވިދާޅުވެފައެވެ.