Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

އޭސީސީގެ ރައީސް ވަކިކުރަން އެމްޑީޕީ ޕީޖީގެ ތާއީދު ނުލިބުނު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ވަކިކުރަން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ތާއީދެއް ނުލިބުނެވެ.

މިއަދު 11 ޖެހިއިރު ބޭއްވި އެމްޑީޕީގެ ޕީޖީ ބައްދަލުވުމަށް އޭސީސީގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅުއްވާފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އެ ހުށަހެޅުމަށް ލިބިފައިވަނީ 13 ވޯޓެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޕީޖީން ވަނީ އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރުމަށް ނިންމާފައެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށްފަހު އިތުރަށް އެ މައްސަލަބަލާ ދައުވާކުރުމަށް ލަފާ ދިނެއެވެ. އެގޮތުގެ މަތިން އޭސީސީން އިތުރަށް އެ މައްސަލަ ބެލުމަށްފަހު ވެސް ޕީޖީ އަށް ފޮނުވުމުން ޕީޖީ ނިންމަވާފައިވަނީ މައްސަލައިގައި ދައުވާ ނުކުރަމަށެވެ.

ޕީޖީ ވިދާޅުވެފައިވަނީ އޭސީސީގެ ތަހުގީގުން މީހެއްގެ މައްޗަށް ދައުވާއެއް ކުރެވޭވަރަށް އުންސުރު ހަމަނުވާކަމަށެވެ.

އެކަމާއި ގުޅިގެން އޭސީސީގެ ރައީސް އާއި ޕީޖީ މަގާމުން އިސްތިއުފާ ދެއްވަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވަފައެވެ. އަދި ސަރުކާރުން ވަނީ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއި އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ ކަމަށް ވިދާޅުވެފައެވެ.