ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ބުނެފައިވާ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދައުވާ ނުކުރުމަށް ނިންމި މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވީ ޕީޖީ ޝަމީމަކީ ކިޔަވައިގެން ހުންނެވި ބޭފުޅެއްކަމަށާއި، އެހެންނަމަވެސް އުންސުރުގައި ޖެހި މި މައްސަލަ ނުބަލަން ނިންމި ނިންމުން ބަލައިނުގަންނަ ކަމަށެވެ.
މިސަރުކާރަކީ ވަގު ސަރުކާރެއްކަމަށް ރައީސް ނަޝީދު ވިދާޅުވިކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި ކޮށްފައިވާ ވައްކަން ބެލުމަށް އިދިކޮޅުން ރައިސް ނަޝީދަށް އެއްބާރުލުން ދެއްވާނެކަމަށެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޕީޖީން ވަނީ އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރުމަށް ނިންމާފައެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށްފަހު އިތުރަށް އެ މައްސަލަބަލާ ދައުވާކުރުމަށް ލަފާ ދިނެއެވެ. އެގޮތުގެ މަތިން އޭސީސީން އިތުރަށް އެ މައްސަލަ ބެލުމަށްފަހު ވެސް ޕީޖީ އަށް ފޮނުވުމުން ޕީޖީ ނިންމަވާފައިވަނީ މައްސަލައިގައި ދައުވާ ނުކުރަމަށެވެ.
ޕީޖީ ވިދާޅުވެފައިވަނީ އޭސީސީގެ ތަހުގީގުން މީހެއްގެ މައްޗަށް ދައުވާއެއް ކުރެވޭވަރަށް އުންސުރު ހަމަނުވާކަމަށެވެ.
އެކަމާއި ގުޅިގެން އޭސީސީގެ ރައީސް އާއި ޕީޖީ މަގާމުން އިސްތިއުފާ ދެއްވަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވަފައެވެ. އަދި ސަރުކާރުން ވަނީ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއި އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ ކަމަށް ވިދާޅުވެފައެވެ.