ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް "މަޖާޒީ ވާހަކަދައްކާ" ޓީވީ ޕްރޮގްރާމަކަށް އެރާ ވާހަކަ ދެއްކުމަކީ އަންއެތިކަލް ކަމެއްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް މިފަދައިން ވިދާޅުވެފައިވަނީ ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމުމުން މަޑުއްވަރީ ދާއިރާގެ މެމްމަބަރު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުންނެވެ.
އެގޮތުން މީކާއިލް ވިދާޅުވީ އެމްޑީޕީން ވެރިކަން ކުރަންއޮވެ އަދި މަޖިލީހާއި އިދާރާތަކުގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެ ވައްކަމުގެ ލަޤަބު އެމްޑީޕީގެ ސަރުކާރުގައި ޖެހެމުންދާތީ ބިރުގަންނަކަމަށެވެ. މީކާއިލް ވިދާޅުވީ އެމްޑީޕީގެ އަސާސްތައް ނެތިދާކަމަށް ހީވާހީވުމަކީ ބިރުގަންނަކަމެއްކަމަށެވެ.
މީކާއިލް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ސަރުކާރަކުން ފިޔަވަޅު އަޅަންޖެހޭހާ ބާރުމިނުގައި ފިޔަވަޅު އަޅާފައިނުވާކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އަކީ މުސްތަގިއްލު ފަރާތެއްކަން ގިނަ ފަރާތްތަކަކުން މިހާރު ބުނަމުން އަންނަކަން ފާހަގަކޮށް މީކާއިލް ވަނީ ޕީޖީ "މަޖާޒީ ވާހަކަ" ދައްކާ ޓީވީ ޕްރޮގްރާމަކަށް އަރާވަޑައިގެންނެވުމުން އެކަމަށް ފާޑުކިޔާފައެވެ.
"ޕީޖީއަކީ މުސްތަގިއްލު ފަރާތެއްކަމަށް ޤަބޫލުކުރަން މަޑުޖެހެނީ، އެކަންކަން ޤަބޫލުކުރަން އަޅުގަނޑުގެ ހިތަށް ކުޅަދާނަ ނުވަނީ އިއްޒަތްތެރި ރައީސް، އަނެއްދުވަހު އަރާވަޑައިގެން އެ ޕްރޮސިކިއުޓާ ޖެނެރަލް، އެ މުސްތަޤިއްލު ކަމަށް އަޅުގަނޑުމެން ބުނާ ޕްރޮސިކިއުޓާ ޖެނެރަލް މި އިންނަވަނީ ރާއްޖެޓީވީ ކިޔާ ޓީވީ ޗެނަލްއެއްގެ މަޖާޒީ ޕްރޮގްރާމެއްގައި އިއްޒަތްތެރި ރައީސް. އޭސީސީގައި މިހާުރުވެސް ހިނގަމުންދާ ކޭސްއެއްގެ ވާހަކަ ދެއްކެވުމަށް، ރަސްމީ ހައިސިއްޔަތަކުން ނޫން." މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ މުސްތަޤިއްލު ފަރާތަކަށް މިހާރު ހިނގަމުންދާ ކޭސްއެއްގެ ވާހަކަ "މަޖާޒީ" ޓީވީ ޕްރޮގްރާމަކަށް އަރާ ނުދެއްކޭނެ ކަމަށެވެ. އަދި އެއީ އަންއެތިކަލް ކަމެއްކަމަށާއި އަދި އެއީ ޕީޖީގެ މުސްތަޤިއްލު ކަމާއިމެދު ސުވާލު އުފެދޭކަމެއްކަމަށް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ ޝަމީމް ޕީޖީގެ ގޮތުގައި ބަހައްޓައިގެން ކުރިއަށްދިއުމަށް އެމްޑީޕީ ޕާޓީއެއްގެ ގޮތުގައި ލަދުގަންނަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން މީކާއިލް ވިދާޅުވީ އެމްޑީޕީ ވަގު ޓެގުން ސަލާމަތްކުރަން ބޭނުންވާނަމަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުންތައް ލައިވް ކުރަންޖެހޭ ކަމަށާއި، އަދި އެކަން ޕީޖީ ލީޑަރަށް ހުށަހަޅާނެކަމަށް ވިދާޅުވިއެވެ.