Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

ވެންޓިލޭޓަރު މައްސަލައިގައި އޭސީސިއަށް ބަޔަކު ނުފޫޒު ފޯރުވިތޯ ބަލަންޖެހޭ

މެމްބަރު އިލިޔާސް ލަބީބް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެކްޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެއްވެސް ބަޔަކު ނުފޫޒެއް ފޯރުވާފައިވޭތޯ ބަލަންޖެހޭކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ނިންމެވުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އިލިޔާސް ލަބީބް ވިދާޅުވީ ވެންޓިލޭޓަރު ގެނައުމަށް ނިންމި ހިސާބުން ފެށިގެން އޭގެން ނާޖައިޒު މަންފާ ހޯދާނެ ގޮތެއް ބަޔަކު ބަލަމުން ދިޔަކަމަށް މިހާރު ގަބޫލުކުރެވޭކަމަށެވެ.

އެގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކޮވިޑާއި ގުޅިގެން ފައިސާ ހަރަދުކުރާނެ ގޮތުގެ ރިޕޯޓެއް އެކުލަވާލަން އުޅުމުން އަދި ފައިސާގެ ކަންކަން ބަލާނެގޮތުގެ މެކޭނިޒަމެއް ގާއިމުކުރަން އުޅުމުން ބައެއް ބޭފުޅުން ގުޅައިގެން އެ ރިޕޯޓްގައި ހިމަނާފައިވާ ރިކޮމެންޑޭޝަންތަކެއް އުނިކުރަން މަސައްކަތްކުރި ކަމަށެވެ. އެގޮތުން އެ ރިޕޯޓް ތަޅުމަށް ހުށަހެޅިފަހުން އޮޑިޓް ކުރާގޮތަށް މަޖިލީހުގެ ނައިބު ރައީސް އީވާ ހުށަހެޅިކަން ފާހަގަކޮށް އިލިޔާސް ލަބީބް ވިދާޅުވީ ވައްކަން ކޮށްފައިވާކަން އެނގުނީ އެ އޮޑިޓުން ކަމަށެވެ.

"އަޅުގަނޑު މިއަދު ހިތަށް އަރާ އެބޭފުޅުން އޭސީސީއަށް ނުފޫޒުފޯރުވިތޯ ނުވަތަ ނޫންތޯ. އެކަން ބަލަންޖެހޭ." އިލިޔާސް ލަބީބް ވިދާޅުވިއެވެ.

އިލިޔާސް ވިދާޅުވީ އޭސީސީގެ ތަހުގީގުގައި މިކަމުގައި ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ ބޭންކް ސްޓޭޓްމެންޓް ބަލާފައިނުވާކަމަށެވެ. އެދުވަސްވަރުގައި އެއްވެސް އެސްޓީއާރެއް ނެރެފައިވޭތޯ ވެސްބަލާފައި ނެތްކަމަށާއި، މި ތަހުގީގު އޭސީސީން ހިނގިގޮތާއި އެކަމުގައި އެއްވެސް ބަޔެއްގެ ނުފޫޒު އޮތްތޯ ނެތްތޯ މިހާރު ބަލަންޖެހޭކަމަށް އިލިޔާސް ލަބީބް ވިދާޅުވިއެވެ.

އިލިޔާސް ލަބީބް ވިދާޅުވީ މިކަމުގައި މަޖިލީހުން ދޫނުދޭނެ ކަމަށާއި، މިކަމަކީ ކުރީގެ ހެލްތް މިނިސްޓަރު އަމީން ވައްކަން ކުރުމަށް ކޮށްފައިވާކަމެއްކަން މިހާރު ބެލުމުން އެނގޭކަމަށެވެ.