Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކޮށް ދޫކޮށްލުމަކީ ޕީޖީއަށް ލިބިގެންވާ އިޚްތިޔާރެއް ނޫން: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކޮށް ދޫކޮށްލުމަކީ ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިގެންވާ އިޚްތިޔާރެއް ނޫންކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވަނީ ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ނުކުރުމަށް ޕިޖީ ނިންމެވުމުން އެކަމާއެި ގުޅިގެން މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ.

އެ މައްސަލައާގުޅިގެން ރައިސް ނަޝީދު ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް އަމަލުކުރައްވަން ޖެހެނީ ޤާނޫނުއަސާސިގައިވާ ގޮތުގެ މަތިން ކަމަށެވެ. ރައީސް ނަޝިދު ވިދާޅުވީ ކުށެއް ކުރިކަން ފާހަގަވުމުން ދައުވާ ނުކޮށް ދޫކޮށްލުމަކީ ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިގެންވާ ހައްޤެއްނޫން ކަމަށެވެ.

"އެއިއްޔަކީ އެބޭފުޅާގެ މުސްތަޤިއްލުކަމާ ގުޅިފައިވާ ކަމެއްނޫން. ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އެބަވޭ ޤާނޫނުގައިވާ ގޮތުގެ މަތިން އެބޭފުޅާ އަމަލުކުރައްވަން ޖެހޭނެއޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކޮށް ދޫކޮށްލުމަކީ ޕީޖީ ޝަމީމަށް ލިބިގެންވާ އިޚްތިޔާރެއްވެސް އަދި ބާރެއްވެސް ނޫންކަމަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީން ދެވަނަ ފަހަރަސް ނިންމުމުން އެކަމުގައި ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އަދި ޕީޖީ މަގާމުން އިސްތިއުފާ ދޭންޖެހޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

ވެންޓިލޭޓަރު މައްސަލައިގައި މިއަދު މަޖިލީހަށް ކުއްލި މައްސަލައަކާއި މައްސަލައެއް ހުށަހަޅާފައިވާއިރު ޕީޖީން ވަނީ ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމު ނިންމުން މުރާޖާ ކުރުމަށް ނިންމާފައެވެ.