Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

ވެންޓިލޭޓަރު މައްސަލަ: ފާޑުކިޔުންތަކާ އެކު ޕީޖީގެ ނިންމުން އަލުން މުރާޖާކުރަނީ

ޤާނޫނީ ވަކީލު ހުސެއިން ޝަމީމް - ފޮޓޯ: ރާއްޖެއެމްވީ

ފާޑުކިޔުން ބޮޑުވެ ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން އަލުން ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެއޮފީހުން ނިންމި ނިންމުމާމެދު އެންޓި ކޮރަޕްޝަން ކޮމިޝަނާއި އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ކަންބޮޑުވުން ހުންނާނެކަން ޤަބޫލުކުރާކަމަށެވެ. އަދި އިއްޔަ އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކޮށް ފާހަގަކޮށްފައިވާ ނުކުތާތައް ފާހަގަކުރެވޭކަން ފާހަގަކޮށް ޕީޖީން ވިދާޅުވެފައިވަނީ ސިޓީއަކަށް ޖަވާބު ނުދޭކަމަށް އޭސީސީން ބުނި ނަމަވެސް އެފަދަ ކަމެއް ޕީޖީ އޮފީހުގެ ރިކޯޑުން ނުދައްކާކަމަށެވެ.

ޖިނާއީ މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު ގޮތެއް ނިންމުމަކީ ޤާނޫނުއަސާސީން ޕީޖީއަށް ލިބިފައިވާ ބާރެެއްކަން ފާހަގަކޮށް ނޫސްބަޔާނުގައި ބުނެފައިވަނީ ޤާނޫނުއަސާސީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް އޮންނަނީ ތަހުޤީޤު ކުރުމަށްފަހު މައްސަލައިގައި ހޯދިފައިވާ ހެކިތައް ޕީޖީ އޮފީހަށް ފޮނުއްވުންކަމަށެވެ. ޕީޖިގެ ނޫސްބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގަ ގޮތް ނިންމުމުގައިވެސް ބަލާފައިވާނީ ތަޙުޤީޤަށް ހޯދިފައިހުރި ހެކިތަކުގެ މައްޗަށްކަމަށެވެ.

ޕީޖީގެ ނޫސްބަޔާނުގައި ބުނެފައިވަނީ މިކަމުގައި ގިނަބަޔެއްގެ ކަންބޮޑުވުން ހުރުމުން ޕީޖީގެ ނިންމުން މުރާޖާ ކުރުމަށް ނިންމާފައިވާކަމަށެވެ.

"ނަމަވެސް، މިމައްސަލައިގައި މިއޮފީހުން ނިންމި ގޮތާމެދު އެންޓި ކޮރަޕްޝަނުން އިންތިހާއަށް ހިތްހަމަޖެހިވަޑައިނުގަންނަވާތީއާއި، މިއީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށްވާތީ، މިމައްސަލައިގައި މިއޮފީހުން ނިންމި ނިންމުން އަލުން ބަލައި، އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނަގަތުމަށް މިއޮފީހުން ނިންމައިފީމެވެ." ޕީޖީން ނެރެފައިވާ ނޫސްބަޔާނުގައިވެއެވެ.

އެ ނިންމުން މުރާޖައާ ކުރާއިރު، މައްސަލައިގައި ފުލުހުންނާ ގުޅިގެން ހޯދިފައިވާ ހެކިތައްވެސް ވަކިން ގެނެސް، އިތުރަށް ތަޙުޤީޤުކުރަންޖެހޭ ކަމެއް އޮތްނަމަ، އެކަމެއް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ތަޙުޤީޤު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިރުޝާދު ދިނުމަށްވެސް ޤަޞްދުކުރާ ކަމަށް ޕީޖީން ނެރެފައިވާ ނޫސްބަޔާނުގައިވެއެވެ.

މިމައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ހުރި މިންވަރާމެދު ސުވާލު އުފެދިފައިވާކަން ފާހަގަކޮށް ޕީޖީގެ ބަޔާނުގައި ބުނެފައިވަނީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނީ ނިޒާމުގައި، ދަޢުވާކުރާއިރު ޚިޔާލީ ވާހަކައެއް ނުދެއްކޭނެކަމަށެވެ.

"ދަޢުވާގެ ކޮންމެ ޢިބާރާތެއް، ހެއްކާއެކު ސާބިތުކޮށްދޭންޖެހެއެވެ. އެކަމުގައި މިއޮފީހުން ބަރޯސާވަނީ، މައްސަލައިގައި ތަޙުޤީޤީ އިދާރާތަކުން ހޯއްދަވާފައިވާ ހެކިތަކަށެވެ. އެއީ، ޝަރުޢީ ކޯޓެއްގައި މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރެވިދާނެ މިންވަރުގެ ހެކިތޯ ނުވަތަ ނޫންތޯއެވެ. މި މައްސަލާގައި މި އޮފީހުން ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމުގައި، ކުރިން ދީފައިވާ އިރުޝާދުގައި ހުރި ކަންކަން ތަޙުޤީޤުކުރުމުގައި ފުލުހުންގެ އެހީތެރިކަން އޭސީސީއަށް ދިނުމަށް ފުލުހުންގެ މުއައްސަސާއަށް އެންގުމަށްވެސް މި އޮފީހުން ވާނީ ނިންމާފައެވެ." ޕީޖީގެ ނޫސްބަޔާނުގައިވެއެވެ.

ޕީޖީން ބުނެފައިވަނީ އޭގެ ފަހުން މައްސަލަ ދިރާސާ ކުރުމަށްފަހު އަލަށް ހޯދޭ ހެކިތަކުގެ އަލީގައި ނިންމުން މުރާޖައާ ކުރުމަށްވެސް ޕީޖީން ނިންމާފައިވާކަމަށެވެ.