މިދިޔަ ސަރުކާރުން ނަގާފައިވާ ދަރަންޏާއި އެ ދަރަނިން އުފެދުނު ހަރުމުދަލުގައި ބޮޑު ތަފާތެއްހުރި ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ސަރުކާރުން ޗައިނާ ސަރުކާރަށް ކުރީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 4.5 ބިލިއަން ޑޮލަރާއި ހަމައަށް ދަރަނިވެރިވެފައިވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މި ދަރަނި ނެގުމަށްފަހު އުފެދު ހަރުމުދަތުގައި އެ ދަރަނީގެ އަގުނެތްކަމަށެވެ.
"ވަރަށް ބޮޑު ތަފާތެއް އެބައޮތް ނެގި ދަރަންޏާ އުފެދުނު ހަރުމުދަލާ އަޅުވާ ބަލާއިރު. އެހެންވީމާ މި ހަރުމުދާ ބޭނުންކޮށްގެން މި ދަރަނި ދެއްކޭނެ ގޮތެއްވެސް ހޯދުން އެއީ އުނދަގޫ ކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ ދަރަނި ރިސްޓްރަކްޗާ ކުރުމަށް ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން އިށީނުމަކީ މުހިންމު ކަމެއްކަމަށެވެ.