Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

މުއިއްޒު އޭސީސީއަށް ހާޒިރުކުރަނީ ސަރުކާރުން ނުފޫޒުފޯރުވައިގެން: ޕީޕީއެމް

ޑރ. މުއިއްޒު އޭސީސީގައި-- ފޮޓޯ: ސޯޝަލް މީޑިއާ

މާލޭސިޓީ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރަނީ ސަރުކާރުގެ ސިޔާސީ ނުފޫޒުންކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑރ. މުއިއްޒުގެ މައްޗަަށް ތަފާތު މައްސަލަތައް ފެންމަތި ކޮށް، ސަރުކާރާއި ސަރުކާރު ނިސްބަތްވާ ޕާޓީގެ ސިޔާސީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ދައުލަތުގެ އެހެނިހެން މުއައްސަސާ ތަކަށް ހާޒިރު ކުރަމުން ގެންދާ ގެންދިއުން ކުށްވެރިކުރާ ކަމަށެވެ.

"މިއީ ކަނޑައެޅިގެން އިންތިޚާބަށް ނުފުޒު ފޯރުވާ މިކޯލިޝަނާއި މިކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުޢިއްޒު ގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަތުމުގެ ގޮތުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީގެ ބޭނުންކޮށްގެން، ރާވައިގެން ހިންގަމުން ގެންދާ ސިޔާސީ ކަންތައްތަކެއް ކަމުގައި މި ކޯލިޝަން ދެކެމެވެ." ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ޕީޕީއެމުން ބުނެފައިވަނީ ޑރ. މުއިއްޒުގެ މައްސަލައެއް އޮތް ކަމަށް ބުނެ ވާހަކަ ދައްކަމުން ގެންދާތާ އެތައް އަހަރެއްވީ އިރުވެސް އެމައްސަލަތައް ބަލާ ހާޒިރުކޮށް ހަދާފައި ނުވާއިރު، އިންތިޚާބަށް ދެ ހަފްތާއަށް ވުރެ ގާތްވުމުން، މަޢުލުމާތު ސާފުކުރަން ކަމަށް ބުނެ ނުވަތަ ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އިރު އިރު ކޮޅާ ދައުލަތުގެ މުއައްސަސާ ތަކަށާއި އޭސީސީ އަށް އެމަނިކުފާނު ހާޒިރު ކުރަމުން ގެންދާ ގެންދިއުން ދޭހަވަނީ ސަރުކާރަށާއި އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު ގެއްލި މާލޭ ސިޓީ މޭޔަރުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަން ކަށަވަރުވެ، ސަރުކާރާއި އެމްޑީޕީ ޕްރެޝަރަށް ވެއްޓިފައިވާ މިންވަރު ކަމަށެވެ.

އެހެންކަމުން އިދިކޮޅު ކޯލިޝަނުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ދައުލަތުގެ މުއައްސާތައް މެދުވެރިކޮށް އިންތިހާބީ ހައްޤަށް އަރައިގަނެ، ކުރަމުން ގެންދާ އެންޓި ކެމްޕެއިންގެ އަމަލުތައް މިހާރުން މިހާރަށް ހުއްޓަލުމަށް ގޮވާލާކަމަށް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

އޭސީސީއިން ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ޑރ. މުއިއްޒު އެ ކޮމިޝަނަށް ހާޒިރުކުރަމުން އަންނައިރު ޑރ. މުއިއްޒު އެކަން ސިފަކުރައްވާފައިވަނީ ވެސް ސިޔާސީ ކަމެއްގެ ގޮތުގައެވެ. އެކަމަށް ރައްދުދީ އޭސީސީން ބުނެފައިވަނީ އެ ކޮމިޝަނުން ކުރާ ތަހުގީގުތަކަކީ ސިޔާސީ ކަންކަމާ ގުޅުވައިގެން ކުރާކަމެއް ނޫންކަމަށެވެ.