Last Updated: July 1, 03:57
Tuesday, June 30, 2026
ޚަބަރު

ވެންޓިލޭޓަރާ ގުޅޭ މައުލޫމާތު ނުފޮރުވާނަން: މިނިސްޓަރު ނަސީމް

މިނިސްޓަރު އަހުމަދު ނަސީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެއްވެސް މައުލޫމާތެއް ނުފޮރުވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ހެލްތް މިނިސްޓަރަށް ސުވާލުކުރުމަށް ލިބުނު ވަގުތުގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވަނީ ވެންޓިލޭޓަރު ހިޔާނާތުގައި ހިމެނޭ ފައިސާ ނުވަތަ އެ ވެންޓިލޭޓަރުތައް ލިބޭނެތޯ މިނިސްޓަރު ނަސީމާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ނަސީމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގެ މައުލޫމާތު މަޖިލީހަށް ނުފޮރުވާނެ ކަމަށެވެ. އެ މައުލޫމާތުތައް މިނިސްޓަރު ނަސީމް ފޮރުވަން އުޅޭކަމުގެ ތުހުމަތުކުރެވޭކަން ފާހަގަކޮށް މިނިސްޓަރު ނަސީމް ވިދާޅުވީ އެއްވެސް މައުލޫމާތެއް ސިއްރު ނުކުރާނެ ކަމަށާއި، އެ މައުލޫމާތުތައް ހޯދުމަށް އެދިއްޖެނަމަ މަޖިލީހަށްވެސް އަދި އިންވެސްޓިގޭޓް ކުރާ ފަރާތްތަކަށްވެސް ހިއްސާކުރައްވާނެ ކަމަށެވެ.

"ވެންޓިލޭޓަރުގެ މައްސަލައިގައި މިތަނުން ބޭނުންވާ ހުރިހާ މައުލޫމާތެއް މިތަނަަށް ފޮނުވައި ދޭނަން. އެއްވެސް އެއްޗެއް ފޮރުވާކަށް ނެތިން. އެހެން ހީފުޅުކުރައްވާ ކަހަލަ ގޮތަކަށްވެސް ވާހަކަ ދެކެވޭ. އެހެން ނަމަވެސް އެކަހަލަ ކަމެއް ނޯންނާނެ." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.

އެ މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް ހުށަހެޅިއެވެ. އެހެންނަމަވެސް ޕީޖީން ނިންމީ ދައުވާ ނުކުރުމަށެވެ. އެކަމުގައި މަޖިލީހުން އަލުން އެ މައްސަލަ ބަލާ ދައުވާ ކުރުމަށް ލަފާ ދިނުމުން ވެސް ޕީޖީން ނިންމީ ދައުވާ ނުކުރުމަށެވެ. އަދި އެކަމުގައި ފާޑުކިޔުން ބޮޑުވުމުން ޕީޖީން ވަނީ އެ މައްސަލަ އަލުން މުރާޖާ ކުރުމަށް ނިންމާފައެވެ.