Last Updated: July 1, 03:57
Tuesday, June 30, 2026
ޚަބަރު

ފަންނީ މީހުންގެ ފްލެޓްތައް ނަގާ އެތަންތަން ދިރިއުޅުމުގެ ހާލަތު ދަށް މީހުނަށް ދޭން ގޮވާލައިފި

މެމްބަރު ހަސަން ލަތީފް - ފޮޓޯ: މަޖިލިސް

ހިޔާ މަޝްރޫއުގެ ދަށުން އެކިއެކި ފަންނީ މަސައްކަތްތައް ކުރާ ފަރާތްތަކަށް ދޫކޮށްފައިވާ ފްލެޓްތައް ނަގާ އެތަންތަން ދިރިއުޅުމުގެ ހާލަތު ދަށް މީހުނަށް ދިނުމަށް ހެންވޭރު ހުޅަންގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ގޮވާލައްވައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ސޯޝަލް ހައުސިންގެ އެންމެ އަސާސީ ކަމަކީ ދިރިއުޅުމުގެ ހާލަތު ބެލުން ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ހިޔާ މަޝްރޫއުގެ ބައެއް ކެޓަގަރީ ތަކުގައި ދިރިއުޅުމުގެ ހާލަތަށް ނުބަލާކަމަށާއި، އެގޮތުން ފަންނީ ފަރާތްތަކުގެ ކެޓެގަރީތައް ފާހަގަކުރެއްވިއެވެ.

ހަސަން ވިދާޅުވީ އޭނާ ދެކޭގޮތުގައި ފަންނީ ފަރާތްތަކަށް ލިބިފައިވާ ފްލެޓްތައް އެބޭފުޅުންގެ އަތުން ނެގުމަށްފަހު ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ދިނުމަކީ މިކަމަށް ގެނެވޭ ހައްލަކަށް ވާނެކަމަށެވެ.

"ފަންނީ ކެޓަގަރީން ހޮވިފައިހުރި ފަރާތްތަކުގެ އެ ފްލެޓްތައް އެބޭފުޅުންގެ އަތްޕުޅުން ނަންގަވާ އަދި އެބޭފުޅުންނަށް އެހެން ފުރުސަތެއް ކުރިއަށް އޮތް މަޝްރޫއަކުން ލިބޭނެ އިންތިޒާމެއް ހަމަޖެހި އަދި އެބޭފުޅުންނަށް އެ ޔަގީންކަން ދެއްވި، އެ ނެގޭ ފްލެޓްތައް އެއީ މާލޭގައި ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށް ނިކަމެތިންނަށް، އެމީހުންނަށް އެ ފްލެޓްތައް ލިބޭނެގޮތް ހޯދައިދިނުން." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އެކަން ސަރުކާރުން ކޮށްދިނުމަކީ މާލޭގައި ހާލުގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ މިސަރުކާރުން ދެން އެކުލަވާލާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގައި ކެޓަގަރީތައް ކަނޑައެޅޭނީ އިންސާފުވެރިކަމާއި އެކު ކަމާމެދު ޝައްކުނުކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތި ލުމުގެ ޝަރުތުތައް ވީހާވެސް އަވަހަށް ރައްޔިތުންނަށް އެނގިގެން ދިއުމަކީ މުހިންމު ކަމެއްކަމަށް ހަސަން ވިދާޅުވިއެވެ.