Last Updated: July 1, 03:57
Tuesday, June 30, 2026
ޚަބަރު

ވެންޓިލޭޓަރު މައްސަލައިގައި ސަރުކާރުން އާބިޓްރޭޝަނަށް

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް-- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދިން ފައިސާ އަނބުރާ ހޯދުމަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނަށް ދާން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިހާރު ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ މައްސަލައިގައި އާބިޓްރޭޝަނަށް ދާން އެޓާނީ ޖެނެރަލް އޮފީހުން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް އެކި މުއްދަތުތައް ދެވިފައިވާ ކަމަށާއި، ވެންޓިލޭޓަރުތައް ހޯދުމުގެ އެކި ޓައިމްލައިންތައް ވެސް ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުތައް ހޯދަން ސަރުކާރުން ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ލިބިފައި ނުވާތީ، މައްސަލައިގައި އާބިޓްރޭޝަނަށް ދާން ނިންމީކަމަށްވެސް ވިދާޅުވިއެވެ.

އެ އާބިޓްރޭޝަން ހިންގާނީ ރާއްޖޭގައި ކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ، އެ މައްސަލައިގެ އާބިޓްރޭޓާއަކަށް ވާނީ އިންޓަނޭޝަނަލް އާބިޓްރޭޓާއެއްކަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާރު ސަރުކާރުގެ އަމާޒަކީ އެ ފައިސާ އަނބުރާ ހޯދުން ކަމަށާއި އަދި މައްސަލައިގައި ޖިނާއީ ކަމެއް އުޅޭތޯ ބަލަން ތަހުގީގު ވެސް ކުރިއަށްދާނެ ކަމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.