ސްކޫކަށް ފައިސާ ނުދެއްކޭ ހާލަތުގައިވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަން ދިވެހި ދައުލަތުގެ އަތުން ނުގެއްލޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިފަދައިން ވިދާޅުވެފައިވަނީ އިއްޔަ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މަބްރޫކް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ނިންމައިގެން ރާއްޖެއިން ސުކޫލް ވިއްކުމަށް މަސައްކަތް ކުރަމުންދާއިރު، ސުކޫކްއަށް ފައިސާ ނުދެއްކޭ ހާލަތެއްގައިވެސް އެއްވެސް އެހެން ފަރާތަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުރެވެރިކަން ބަދަލުނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ފައިސާ ނުދެއްކޭ ހާލަތުގައި ޒިންމާވާނީ ސަރުކާރުން ކަމަށާއި އެއްވެސް ހާލެއްގައި ހޮސްޕިޓަލުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ނުދާނެ ކަމަށެވެ.
މިފަދަ ސުކޫކެއް ނެގުމަށް ސަރުކާރުން ނިންމި ސަބަބު ހާމަކޮށް މަބްރޫކް ވިދާޅުވީ 2017 ވަނަ އަހަރު އިޝޫ ކޮށްފައިވާ ޔޫރޯ ބޮނޑު އަންނަ އަހަރަށް މެޗުއަރވެ، ސަރުކާރުން އަނބުރާ ދައްކަން ޖެހޭ ފައިސާ އާދަޔާ ހިލާފަށް އިތުރުވެގެންދާނެތީ ކަމަށެވެ.
މީގެއިތުރުންވެސް ސަރުކާރުން ވަނީ އަންނަ މަހު 200 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން ނިންމާފައެވެ. މި ސްކޫކް ވިއްކަނީ 10.5 ޕަސެންޓު ޔީލްޑު ރޭޓުން ފަސް އަހަރަށެވެ.