އާބިޓްރޭޝަންގެ ވާހަކަ ދައްކައިގެން ވެންޓިލޭޓަރު ކޮރަޕްޝަންގެ މިސްރާބު ބަދަލު ނުކުރެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވެންޓިލޭޓަރު ކޮރަޕްޝަނަކީ ސައްޚަ މުއާމަލާތެއް ނޫންކަމަށާއި، އެއީ ގިނަ ކުށްތަކެއްގެ ތެރެއިން ހިންގާފައިވާ ކަމެއްކަމަށެވެ.
ކަރުދާސް ކުންފުންޏަކުން ބަދަލެއް ނުލިބޭނެކަމަށް ވިދާޅުވެ ޑރ. ޖަމީލް ވަނީ ފައިސާ ހޯދަން، ކުށްކުރި މީހުންގެ މާލިއްޔަތު ނުބެލެންވީ ކިއްވެތޯ ސުވާލު އުފައްދަވާފައެވެ.
އަދި އާބިޓްރޭޝަންގެ ވާހަކައިން ކޮރަޕްޝަންގެ މިސްރާބު ބަދަލު ނުކުރެވޭނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ ވެންޓިލޭޓަރު މައްސަލައިގައި ދައުލަތުން އާބިޓްރޭޝަނަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަކަން ސަރުކާރުގެ ފަރާތުން އިއްޔެ ހާމަކޮށްފައިވަނިކޮށެވެ. ސަރުކާރުން ބުނެފައިވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް އެކި މުއްދަތުތައް ދެވިފައިވާ ކަމަށާއި، ވެންޓިލޭޓަރުތައް ހޯދުމުގެ އެކި ޓައިމްލައިންތައް ވެސް ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުތައް ހޯދަން ސަރުކާރުން ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ލިބިފައި ނުވާތީ، މައްސަލައިގައި އާބިޓްރޭޝަނަށް ދާން ނިންމީކަމަށެވެ.