އައްޑޫސިޓީ ރީޖަނަލް ޕޯޓް ތަރައްޤި ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮަށްފިއެވެ.
މި މަޝްރޫއުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ބަނދަރު ހެދިފައި އޮންގޮތުން ބަނދަރު ބޭނުން ނުކުރެވޭ ކަމުގެ ޝަކުވާ އަބަދުވެސް ލިބޭކަމަށާއި، މި މަޝްރޫއަކީ އެކަމަށް ހައްލެއް ގެނައުމަށް ފެށިގެންދާ މަޝްރޫއެއްކަމަށެވެ.
ޝާހިދު ވިދާޅުވީ މި މަސައްކަތް އަވަހަށް ފެށިގެން ދާނެ ކަމަށެވެ. މި މަސައްކަތަކީ އުނދަގޫ މަޝްރޫއެއް ނަމަވެސް ދޮޅު އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ދޭކަމަށް ޝާހިދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު ރާއްޖެ އޮތީ ވަރަށް ބޮޑަށް ފަހަތަށް ސޮށްސާލާފަ ކަމަށާއި، ތަރައްޤީގެ މަޝްރޫއުތައް އަވަހަށް ނިންމަން ޖެހޭކަން ހުރިހާ ފަރާތްތަކަކުންވެސް ޤަބޫލުކުރާ ކަމަށެވެ.
އާދަމް އާޒިމް ވިދާޅުވީ ކަންކަން ކުރިއަށް ގެންދެވޭނީ ރަނގަޅަށް ޕްލޭން ކޮށްގެން ކަމަށާއި، މި ސަރުކާރުން މަސައްކަތްތައް ފަށާފައިވަނީ އެގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައި ވެސް ކުރިއަށްނުދާ ވަރަށް މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
ކޮންސްޓްރަކްޝަން މަސައްކަތުގެ ތެރޭގައި އަހަރެއްގެ ތެރޭގައި އެމްޓީސީސީގެ އާންމު އާމްދަނީ ބިލިއަނެއްހާ ރުފިޔާކަން ފާހަގަކޮށް އާދަމް އާޒިމް ވިދާޅުވީ އެކުންފުނިން އައްޑޫސިޓީގައި އެކަނިވެސް 600 މިލިއަންގެ މަޝްރޫއުތައް ހިންގަމުން އަންނަކަމަށެވެ.
ރީޖަނަލް ޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މިއަދު އެމްޓީސީސީން ވަނީ އައްޑޫސިޓީ ހިތަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.