އެމްޑީޕީއަށް ވޯޓްދީ އައްޑޫ ރައްޔިތުންގެ އިނގިލިން ހަންގޮސްފި ކަމަށާއި، އެެހެންނަމަވެސް ތަރައްޤީއެއް ނުގެނެވުނު ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
އައްޑޫގައި އެކި މަޝްރޫއުތައް ފެށުމަށް އިއްޔަ ކުރިއަށްގެންދިޔަ އެކި މަޝްރޫއުތަކުގެ ފޮޓޮއާއެކު މަލީހް ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެޒަމާނުގައި އިންތިޚާބު ކައިރިވީމަ ޖެހީ ކަޑަ ކަމަށާއި މިއަދު ގެންދަނީ ހައިމާކެއް, ކޮޅުވެއްޓިއެއް އަދި ބޮޑު ހިލަކޮޅެއްކަމަށެވެ.
"ތަންދޮރު ދަންނަ އައްޑޫ ރައްޔިތުން މިފަހަރު އޮޅުވާލެވޭނެ ބާ؟" މަލީހްގެ ޓްވީޓްގައިވެއެވެ.
އަދި ބުނެފައިވަނީ އެމްޑީޕީއަށް ވޯޓްދީދީ އައްޑޫ ރައްޔިތުންގެ އިނގިލިން ހަންގޮސްފި ކަމަށާއި އެހެންނަމަވެސް ތަރައްޤީއެއް ނުގެނެވުނު ކަމަށެވެ.
އެޒަމާނުގަ އިންތިޚާބު ކައިރިވީމަ ޖެހީ ކަޑަ. މިއަދު ގެންދަނީ ހައިމާކެއް, ކޮޅުވެއްޓިއެއް,ބޮޑު ހިލަކޮޅެއް. އެންމެ ތަންދޮރު ދަންނަ އައްޑޫ ރައްޔިތުން މިފަހަރު އޮޅުވާލެވޭނެ ބާ? ހަމަ ގައިމުވެސް އެމްޑީޕީއަށް ވޯޓްދީދީ އައްޑޫ ރައްޔިތުންގެ އިނގިލިން ހަންގޮސްފި. ތަރައްޤީއެއް ނުގެނެވުނު. pic.twitter.com/3DaWQ19SGy
— Mohamed Maleeh Jamal (@maleehjamal) April 3, 2021
ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުން މަލީހް ވަކިކުރި ފަހުން އަންނަނީ ސަރުކާރާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އައްޑުގައި ތަރައްޤީގެ މަޝްރޫއުތައް ފެށުމާއި ގުޅިގެން އެކަމަށް ފާޑުކިޔާ މަލީހް ޓްވީޓްކުރެއްވިއިރު، އިއްޔަ ވަނީ އައްޑޫ ޕޯޓް މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް ހިތަދޫ ބަނދަރުގެ މަސައްކަތް ފަށާފައެވެ.