Last Updated: June 30, 14:08
Tuesday, June 30, 2026
ރިޕޯޓް

އޭރު ވެސް ދެއްކީ ހަމަ މި ވާހަކަ

އައްޑު އަށް ތަރައްޤީ ގެނެވެން އޮތީ ގަމުގެ އެއާޕޯޓުން ސީދާ ބައިނަލް އަގްވާމީ މަންޒިލް ތަކަށް ދަތުރު ކުރެވިގެންނެވެ. ގަމުގެ މައިދޮރޯށި ބައިނަލްއަގްވާމީ ދަތުރުތަކަށް ނުހުޅުވި އެކަމެއް ނުވާނެ އެވެ.
އެހެންވެ ގަމުގެ ވައިގެ ބަނދަރު ތަރައްޤީއަކީ އައްޑޫގެ ތަރައްޤީ ކަމަށް އަބަދު ވެސް ވާހަކަ ދެކެ އެވެ.

އޮގަސްޓް 7 ވަނަ ދުވަހު ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރު ފެށުމުން އައްޑޫގެ ގިނަ ރައްޔިތުން އުފާ ކުރި އެވެ.
ނަމަވެސް ބައެއް މީހުން ބުނަމުން ދިޔައީ އެއީ ރަމްޒީ ދަތުރު ތަކެއް ކަމަށެވެ. އެކަން ދާދި އަވަހަށް ހުއްޓާލައި ގިނަ ބަހަނާތަކެއް މޯލްޑިވިއަނުން ދައްކާނެ ވާހަކަ އެވެ. މިއަދު މިއޮތީ އެ ހިސާބަށް އާދެވިފަ އެވެ.

ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރުތައް ފެށުމައް ބޭއްވި ރަސްމިއްޔާތުގައި މިހާރުގެ ރައީސް ޑރ. ވަހީދު އާްއި ޓްރާންސްްޕޯޓް މިނިސްޓަރ ދަތުރުތައް ނުހުއްޓޭނެކަމުގެ ޔަޤީންކަން ދިނެވެ. އަދި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އަލީ ވަނީ ކޮންމެ ހާލެއްގައި ވެސް ދަތުރު ކުރާނެ ކަމަށް ވިދާޅުވެ އައްޑޫގެ ރައްޔިތުންނަށް އުއްމީދު އާކޮށްދީފަ އެވެ.

ނަމަވެސް ދެ ދަތުރު ފުރިހަމަ ނުވަނީސް ޕެސިންޖަރުން ނުލިބޭ ވާހަކަ ބުނެ ބަހަނާ ދައްކަން ފެށި އެވެ.

ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރު ފެށުމަށް ސްރީލަންކަން ޝައުގުވެރިވެގެން ދިވެހި ސަރުކާރާ އެކު މަޝްވަރާ ފެށުމާ އެކު އެދެމެދަށް މޯލްޑިވިއަނުން ވަދެ އެކަން ކުރެވޭނެކަމުގެ ޔަގީންކަން ސަރުކާރަށް އެރުވި އެވެ. އަދި ސްރީލަންކަ އިން ދަތުރު ފަށައިފިނަމަ މޯލްޑިވިއަން ބަނގުރޫޓް ވެދާނެކަމަށް ބުނެ ސަރުކާރުން އެކަން ހުއްޓުވި އެވެ. އަދި އަވަސް އަރުވާލައުގެން ދަތުރު ފެށި އެވެ.

މޯލްޑިވިއަންއިން ގަމާއި ކޮލަމްބޯ އާއި ދެމެދު ސީދާ ދަތުރު ފެށުމުގެ ކުރިން ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ. ފްލައިޓް ޝެޑިއުލްއާއި ދަތުރުތަކުގެ އަގުގެ ކަންތަކުގައި އިތުރަށް ބަލަންޖެހޭކަމަށް ގަބޫލު ކުރެވެ އެވެ.
ކުއްލި ގޮތަކަށް އަވަސް އަރުވާލައިގެން ފެށި ދަތުރުގައި މާލެއިން ކޮލަމްބޯއަށް ދަތުރު ބޭއްވި ރޫޓް އާއި ދަތުރުގެ އަގުން ވެސް އެކަން ހާމަވެ އެވެ.

މާލެއިން ކޮލަމްބޯއަށް ދަތުރު ކުރާ ޕެސިންޖަރު ގޮވައިގެން މާލެއިން ގަމަށް އައުމަށް ފަހު ކޮލަމްބޯ އަށް ގެންދަނީ 174 ޑޮލަރަށެވެ. އެކަމަކު ގަމުން ކޮލަމްބޯއަށް 269 ޑޮލަރަށެވެ. ފުވައްމުލަކުން ވެއްޖިޔާ 299 ޑޮލަރަށެވެ.

މޯލްޑިވިއަނުން ހަގީގަތުގައި ދަތުރު ތައް ދެމެހެއްޓުމަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ޕެސިންޖަރުން ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ނަމެއްގައި ކަމެއް ފަށައި ދެން ބަހަނާ ދައްކާ ހުއްޓާލީ އެވެ. މޯލްޑިވަންގެ ފްލައިޓްގައި ދަތުރު ކުރުމަށް ނިންމައި ޓިކެޓް ނަގާފައިވާ މީސްމީހުންގެ ރިޒަވޭޝަން ކެންސަލްކޮށް ފްލައިޓް ކެންސަލް ކޮށްފައި އެބަ ހުއްޓެވެ. ހާއްސަކޮށް ދާދި ފަހުން ތައާރަފް ކުރި 199 ޑޮލަރުގެ ފެއާގައި އެންމެ ފްލައިޓެއް ނޫނީ ނުބާއްވަ އެވެ. އެއީ އިދު ބަންދާ ދިމާކޮށް ބޭއްވި ދަތުރުވެ. އޭގައި ދަތުރުކުރި ބައެއް މީހުން ރޭ އަންނަން ޖެހުނީ ސްރީލަންކަންގެ ބޯޓުގައި މާލެއަށެވެ.

މިފަދަ ދޯދިޔާ ގޮތަކަށް މޯލްޑިވިއަނުން މި ދޭތެރޭގެ ދަތުރުތައް ފެށުމާއި ގުޅުގެން ކުރިމަގުގައި މިދެމެދު ދަތުރު ފެށުމަށް އަންނަން ތިބި ފަރާތަތްކަށް މިކަމުގެ އަސަރު ކުރާނެ އެވެ.

ކުރިން ވެސް ވާހަކަ ދެއްކި ގޮތަށް މި ދަތުރުތައް ހަގީގަތުގައި ނިމުމަކަށް އަތުވެއްޖެ އެވެ. ދެން އެންމެ ފަހުން އަޑު އިވޭނީ ޕެސިންޖަރުން ނުލިބިގެން ގަމައި ކޮލަމްބޯ އާއި ދެމެދު ކުރަމުން އައި ދަތުރު ހުއްޓާލި އަޑެވެ. އޭރު ވެސް މީހުން ބުނި ގޮތަށް މިކަން މި ނިމުނީ އެވެ. މިކަމާ އަޅާލާނެ މީހަކު ނެތެވެ.