Last Updated: April 23, 21:11
Tuesday, April 23, 2024
ކުޅިވަރު

ލީގު ހޯދުމާ ގާތަށް ސިޓީން ޖެހިލައިފި

ލެސްޓަ ސިޓީގެ މައްޗަށް 2-0 އިން ކުރި ހޯދާ ޕްރިމިއާ ލީގު ހޯދުމާ ގާތަށް މެންޗެސްޓަރ ސިޓީން ޖެހިލައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ސިިޓީ މިހާރު އޮތީ 74 ޕޮއިންޓާ އެކުއެވެ. ލީގުގައި ސިޓީ އަށް ބާކީ އޮތީ ހަތް މެޗު ކަމަށްވާއިރު ލީގު ހޯދުމަށް އެޓީމަށް މިހާރު ބޭނުންވަނީ ހަތަރު މޮޅެވެ. ލީގުގައި ސިޓީއާ އެންމެ ގާތުން ވާދަކުރަމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވަނީ 57 ޕޮއިންޓާ އެކުއެވެ.

ލެސްޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ސިޓީގެ ފުރަތަމަ ގޯލު މެޗުގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެންޑީ އެވެ. އަދި މެޗުގެ 74 ވަނަ މިނެޓްގައި ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސް އެވެ.

ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ލީޑްސް ޔުނައިޓެޑާއެވެ.

މީގެއިތުރުން ލީގުގައި ރޭ ލިވަޕޫލް އިން ވަނީ އާސެނަލްގެ މައްޗަށް 3-0 އިން ކުރި ހޯދައި ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު އާކޮށްފައެވެ. އެގޮތުން މި މޮޅާއެކު ލިވަޕޫލް އޮތީ 49 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. ހަތަރުވަނައިގައި 51 ޕޮއިންޓާ އެކު އޮތީ ޗެލްސީ އެވެ.

ރޭގެ މެޗުގައި ލިވަޕޫލް އިން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޖޯޓާ އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ.