Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު ކައުންސިލް އިންތިހާބް

ލަންކާ އަދި އިންޑިއާއަށް އޮފިޝަލުން ފޮނުވުމުގައި ދަތިތަކެއް!

އަހުމަދު ޝަރީފް-- ފޮޓޯ: ފަޔާޒް މޫސާ/ސަން

ކުރިއަށް އޮތް އިންތިހާބަށް އަވަށްޓެރި ސްރީލަންކާއަށް އަދި އިންޑިއާއަށް އޮފިޝަލުން ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ލަންކާ އަދި އިންޑިއާގައި ބަހަށްޓާ ވޯޓު ފޮށިތަކަށް ފޮނުވަންޖެހޭ އޮފިޝަލުން ފޮނުވުމުގައި ކުރިމަތިވެފައިވާ ގޮންޖެހުން ކަމަށެވެ.

އެގޮތުން އޮފިޝަލުން ލަންކާ އަދި އިންޑިއާއަށް ފޮނުވުމަށް ފްލައިޓް ސީޓް ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ އައިލެންޑް އޭވިއޭޝަނަށް އެކަމުގައި އެދިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެހެންނަމަވެސް އަދިވެސް އެކަން ހަމަޖެހިފައިނުވާކަމަށެވެ.

"ސީޓް ހަމަޖެހިގެން އަދި ފައިނޭންސް މިނިސްޓްރީއަށް އެކަމުގެ ހުއްދައަކަށް މި އެދެވެނީވެސް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިކަން ހަމަނުޖެހި ހަފްތާއެއް ފާއިރުވެގެން މިދިޔައީ ކަމަށާއި، މިދަނޑިވަޅުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއީ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ލަންކާގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހަތަރު ވޯޓު ވޮށްޓެކެވެ. އެއީ ހަތަރު ފޮށިވެސް ހުންނާނީ ކޮލަމްބޯގައެވެ. މީގެ އިތުރުން އިންޑިއާގައި ބަހައްޓާ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގައެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 10 ވަނަ ދުވަހުއެވެ.