Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު ކައުންސިލް އިންތިހާބް

މޮނިޓަރިންގައިވާ ބައެއް ރަށްރަށުގެ އޮފިޝަލުން ޕޮޒިޓިވް ވެފައިވޭ: ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް--

ކޮވިޑް-19 އާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ބައެއް ރަށްރަށުން އިންތިހާބުގެ އޮފިޝަލުންވެސް ޕޮޒިޓިވް ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުުން ބުނެފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. ހުރާ އަދި ކ. ދިއްފުށީ މޮނިޓަރިންގެ ހާލަތުގައި އޮތް އިރު އެ ހަތަރު ރަށުގައި ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތެރެއިން ގިނަ ބަޔަކު ކަރަންޓީންގައި އަދި ޕޮޒިޓިވް ވެފައި އެބަތިބި ކަމަށެވެ.

ޝަރީފް ވިދާޅުވީ އެކަމުގެ ސަބަބުން ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށާއި، މިހާރު މަސައްކަތްކުރަމުން އަންނަނީ މާލެއިން އެ ރަށްރަށަށް އޮފިޝަލުން ފޮނުވުމަށްކަމަށެވެ.

"މި ހަތަރު ރަށަށް މާލެއިން އޮފިޝަލުން ފޮނުވުމުގެ ކަންކަން އިންތިޒާމު ކުރަމުން މިގެންދަނީ." ޝަރީފް ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގެ 17 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެޗްޕީއޭއިން ހުކުރު ދުވަހު ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާލާއިރު ޅ. ހިންނަވަރުގައި 19 ޕޮޒިޓިވް ކޭސްއެއް އެބަތިއްބެވެ. އޭގެތެރޭގައި ބަލީގެ އަލާމާތްހުރެގެން ޓެސްޓްކޮށް ޕޮޒިޓިވްވި މީހަކާއި އޭނާގެ 15 ކޮންޓެކްޓުން ހިމެނެއެވެ. ނައިފަރުގައި 168 ޕޮޒިޓިވް ކޭސް ތިބިއިރު، އޭގެތެރޭގައި ހިމެނެނީ 27 ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި މީހުންނާއި ބަލީގެ އަލާމާތްހުރެގެން ޓެސްޓްކޮށް ޕޮޒިޓިވްވި މީހަކާއި 137 ކޮންޓެކްޓުންނެެވެ. އަދި ފުރަބަންދު ޕޮޒިޓިވްގެ ގޮތުގައި އެރަށުގައި ތިން މީހުން އެބަތިއްބެވެ. މީގެއިތުރުން ކ. ހުރާގައި 129 ޕޮޒިޓިވް މީހުން ތިބިއިރު އޭގެތެރޭގައި ހިމެނެނީ 27 ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި މީހުންނާއި ހަ ފަތުރުވެރިއަކާއި 94 ކޮންޓެކްޓެއްގެ އިތުރުން ދެ ފުރަބަންދު މީހުނެވެ. އަދި ކ. ދިއްފުށީގައި 97 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ ބަލީގެ އަލާމާތް ހުރެގެން ޓެސްޓްކޮށް ޕޮޒިޓިވްވި ހަ މީހުނާއި 91 ކޮންޓެކްޓުންނެވެ. 

ކައުންސިލް އިންތިހާބު އަދި އިންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 10 ވަނަ ދުވަހުއެވެ.