Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ރައީސް ޔާމީން ވަނީ މާލެ ސިންގަޕޫރު ފަދަ ތަނަކަށް ހަދާފަ: ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު-- ފޮޓޯ: އަވަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެސިޓީ ސިންގަޕޫރު ކަހަލަ ތަނަކަށް ހަދާފައިވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިންގަޕޫރު ފަދަ، ބްރިޖުތަކާއި ފްލެޓްތަކާއި ހައިވޭތަކާއި ހޮސްޕިޓަލް ހުރި ތަނަކަށް ޕީޕީއެމްއިން، ރައީސް ޔާމީން މާލެ ހައްދަވާފައިވާ ކަމަށެވެ.

"އެއްވެސް ޢިލްމެއްނެތި، ހަމައެކަނި ޕާޓީވެގެން ތަރައްޤީ ނުގެނެވޭނެކަން މިވެރިކަމުން އެބަ އެނގޭ." ޑރ. ޖަމީލްގެ ޓްވީޓްގައިވެއެވެ.

ޑރ. ޖަމީލް ވަނީ އެ ޓްވީޓްގައި މި ކައުންސިލް އިންތިހާބުގައި މާލެސިޓީ މޭޔަރުކަމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކޮށްފިނަމަ މާލެއަށް ތަރައްޤީ ޔަގީންވާނެ ކަމަށް ބުނެފައެވެ.

އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، އެމްޑީޕީގެ ޓިކެޓުގައި އަނަސް އަބްދުއްސައްތާރު އަދި އަމިއްލަ ގޮތުން އަލްހާން ފަހުމީ ވަނީ ވާދަކޮށްފައެވެ.