Last Updated: April 23, 11:10
Tuesday, April 23, 2024
ޚަބަރު

މަޖިލީހުގެ ހުއްދައާއެކު ދާއިރާއަށް މެމްބަރުން ކުރާ ދަތުރުތައް ރަސްމީ ކޮށްފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހުއްދައާއެކު މެމްބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ މަސައްކަތުގެ ގޮތުގައި ހަމަޖައްސައިފިއެވެ.

މަޖިލީހުގެ އާންމު ކޮމިޓީން މިގޮތަށް ހަމަޖައްސާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކޮމިޓީއަށް ހުށަހެޅި މައްސަލައެއް ދިރާސާކުރެއްވުމަށް ފަހުއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މެންބަރަކު، އެ މެންބަރެއްގެ ދާއިރާއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާނަމަ ލިޔުމަކުން މަޖިލީހުގެ އިދާރައަށް ހުށަހަޅަން އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ވިދާޅުވީ ހުއްދައާއެކު އެ މެންބަރަކު ދާއިރާއަށް ވަޑައިގެންފިނަމަ އެ މެންބަރަކަށް މަޖިލީހުގެ ހާޒިރީ ލިބިވަޑައިގަންނަވާނެ އިންތިޒާމު ހަމަޖައްސަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމަވާފައިވާ ކަމަށެވެ. މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ހުއްދަ ދިނުމުގެ ކަންކަން ކުރިއަށް ގެންދަވާނީ އަމީންއާންމު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި މިގޮތަށް މެމްބަރުން ދާއިރާއަށް ދަތުރުކުރެއްވުމުން މަޖިލީހުގެ ޖަލްސާގެ ހާޒިރީއާއި ކޮމިޓީ ހާޒިރީގައި އެ މެމްބަރަކު ރަސްމީ ދަތުރެއްގައި ހުންނެވިކަން އިނގޭގޮތަށް ޖަހަންޖެހޭނެކަމަށް އާންމު ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އަދި އެފަދަ ދަތުރެއް ހުންނަވާފައި މަޖިލީހުގެ ޖަލްސާއަށް ނުވަތަ ކޮމިޓީ ޖަލްސާއެއްގައި ބައިވެރިވާން ބޭނުންވެއްޖެ ނަމަ ވީޑިއޯ މެދުވެރިކޮށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލީހުގެ އިދާރާގެ ހުއްދައާއެކު ދާއިރާއަށް މެމްބަރުން ކުރާ ދަތުރުތައް ރަސްމީ ކުރުމަށް މަޖިލީހުން ނިންމާފައިމިވަނީ ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގިނަ މެމްބަރުން ދާއިރާތަކަށް ދަތުރުކުރައްވަމުންދާ ވަގުތެއްގައެވެ.