އައިސޮލޭޝަން އަދި ކަރަންޓީންގައި ތިބޭ މީހުން ވޯޓުލާން ދިއުމަށް ހަމަޖައްސަންޖެހޭ ކަންކަން ކުރަންޖެހޭނީ އަމިއްލައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ކޮވިޑް-19 އާ ގުޅިގެން އައިސޮލޭޝަނުގައި ތިބޭ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކޮށްފައިވާއިރު އެ އުސޫލުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި، ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން އޭޕްރިލް 10 ވަނަ ދުވަހުގެ ނިޔަލަށް އައިސޮލޭޝަނުން ނުވަތަ ކަރަންޓީނުން ނުވީއްލޭނެ ފަރާތްތަކާ ބެހޭ މައުލޫމާތު އޭޕްރިލް 8 ވަނަ ދުވަހުގެ ރޭގެ 08:00 ގެ ކުރިން އެޗްޕީއޭއިން އިލެކްޝަންސް ކޮމިޝަނަށް ދޭންވާނެ ކަމަށެވެ.
އެ އުސޫލުގައި ބުނެފައިވަނީ އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންގެ ވޯޓުލާ މަރުކަޒަށް ހާޒިރުވުމަށް ހުއްދަ ހޯދަންޖެހޭ ފަރާތަކުން ހުއްދަ ހޯދައި ވޯޓުލާ މަރުކަޒަށް ހާޒިރުވުމަކީ އެ މީހުންގެ ޒިންމާއެެއް ކަމަށެވެ.
އަދި އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ވޯޓުލާން ބޭނުންވާ މީހުން، ވޯޓުލުން ނުންމުމަށް ކަނޑައަޅާފައިވާ ގަޑިގެ ފަސް ގަޑިއިރުގެ ކުރިން އެ މީހަކު ވޯޓުލާން ބޭނުންވާކަމުގެ މައުލޫމާޓު، އެޗްޕީއޭގެ ރަށު ޓާސްކްފީސް މެދުވެރިކޮސް، އިލެކްޝަންސް ކޮމިޝަނުން އައްޔަނު ކޮށްފައިވާ ފޯކަލް ޕޮއިންޓަށް އަންގަންވާނެ ކަމަށް އުސޫލުގައިވެއެވެ. އަދި މާލެ ސަރަހައްދުގައި ނަމަ، އެފަދަ މީހުންގެ މައުލޫމާތު ވޯތުލާ މަރުކަޒުގެ ވެރިޔާއަށް އަނގާނީ މާލޭގައި ހުންނަ އިލެކްޝަންސް ކޯޑިނޭޝަން ސެންޓަރު މެދުވެރިކޮށް އެޗްޕީއޭއިން ކަމަށެވެ.
އީސީޏް ނެރެފައިވާ އުސޫލުގައިވާގޮތުން ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބޭ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދޭންވާނީ އެ ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓްރީވެފަިއވާ މީޙުންގެ ތެރެއިން ކިޔޫ ބަންދުކުރާ ގަޑިއާ ހަމައަށް ކިޔޫގައި ތިބޭ މީހުން ވޯޓުލާ ނިމުމުންކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން އައިސޮލޭޝަނުގައި ތިބޭ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކޮށްފައިވާއިރު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 10 ވަނަ ދުވަހުއެވެ.