ކޮންމެ ވޯޓަކާދިމާކޮށް ގިނަވައުދުތަކެއް ވުމަކީ ސަރުކާރު ހިންގުން ނޫންކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މާލޭ ޗާންދަނީ މަގުގައި ތިން ސްކޫލު ހުންނައިރު މެންދުރު ދަރިވަރުން ސްކޫލަށް ދާ ވަގުތުގައި ސިޓީ ކައުންސިލުން އެ މަގު ބަންދުކޮށްގެން ޖަންގްޝަން ސާފު ކުރުމާއި އިމާރާތްކުރުމަށް މަގު ބަންދުކުރަން ހުއްދަދިނުން ފަދަ ކަންކަން ކުރަމުން އަންނަަކަމަށެވެ.
ސައީދު ވިދާޅުވީ ކައުންސިލްތައް ހިންގާނެ ގޮތަކީ މިއީ ނޫންކަމަށާއި، މިސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭކަމަށެވެ. ރައްޔިތުންނަށް މިސަރުކާރުން ކޮށްދޭނެ އިތުރު ކަމެއް ނެތްކަމަށާއި، އަދި ރައްޔިތުން މި ސަރުކާރަށް އިތުރަށް ދޭނެ ވޯޓެއް ވެސް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކޮންމެ ވޯޓަކާ ދިމާކޮށް އިސްކޮޅާ ހަމައަށް ވައުދުވުމަކީ ސަރުކާރު ހިންގުން ނޫންކަމަށެވެ.
"ކޮންމެ ވޯޓެއް އަންނައިރަށް އިސްކޮޅާ ހަމައަށް ވައުދުވުމަކީ އަދި ސަރުކާރު ހިންގުމެއް ނޫން. އަޅުގަނޑުމެން އޮންނާނީ ބްރިޖް އަޅާފަ. އަޅުގަނޑުމެން އޮންނާނީ އެއާޕޯޓް ތަރައްގީ ކޮށްފަ." ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ކަމެއް ނުކޮށް މި ސަރުކާރުން ބަޖެޓްތައް ހުސްކުރަނީ ކަމަށާއި، ކުރީ ސަރުކާރުން ފާސްކުރި ބަޖެޓްތަކުން ބޯޑެތި ތަރައްޤިގެ މަޝްރޫއުތައް ހިންގާފައިވާކަމަށެވެ.
ސައީދު ވިދާޅުވީ އެކި އަދަދުތަކުން މިސަރުކާރުން ގިނަ ލޯންތަކެއް ގަނަމުން އަންނަކަމަށާއި، 2023 ވަނަ އަހަރު އަންނައިރު 106 ބިލިއަން ރުފިޔާއަށް މި ގައުމުގެ ދަރަނި މި ސަރުކާރުން ޖައްސާނެ ކަމަށެވެ. އަދި މި ސަރުކާރުން ގެނައި އަތްލެވޭ ތަަރައްޤިއެއް ފެންނަން ނެތްކަމަށް ވިދާޅުވިއެވެ.