ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ނިމުމާއެކު ތިލަދުންމަތީ ފަތުރުވެރިކަން ފުޅާވާނެކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ހއ. ދިއްދޫގައި އެމްޑީޕީން ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާގައި އޮންލައިންކޯށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަަޝީދު ވިދާޅުވީ ބާރުތައް މުށުތެރޭގައި ހިފަހައްޓައިގެން ލިބޭނެ ތަރައްގީއެއް ނެތްކަމަށެވެ. އެމްޑިޕީއަކީ އަބަދުވެސް ލާމަރުކަޒީ ނިޒާމަށް ވަކާލާތު ކުރާ ޕާޓީކަން ފާހަގަކޮށް ރައިސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ރަށެއްގެ ތަރައްގީ ހޯދުމަށް ގެންގުޅެއްވީ ނިޒާމަކީ އަދި ކަންކުރަންވީ ގޮތަކީ ކޮބައިކަން އެނގޭކަމަށެވެ.
އެޖެންޑާ-19 ގެ އެންމެ ބޮޑު އެއްވައުދަކީ ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިސްލާހުތައް ގެނައުންކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ގާނޫނަސް މިހާރު އެއިސްލާހުތައް ގެނެސްފައިވާކަމަށެވެ.
މިޖަލްސާގައި ހދ. ހަނިމާދޫ އެއާޕޯޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށް 2010 ވަނަ އަހަރު ކޮންސެޕްޓެއް އޮތްކަމަށާއި މިހާރުވެސް އެއާޕޯޓްގެ ގިނަ މަސައްކަތްތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމުގައި ތިލަދުންމަތީ ރައްޔިތުންގެ ވިސްނުން ބަހައްޓަންވީ އެތަނުން އެންމެ ބޮޑު ފައިދާއެއް ނެރެވޭނެ ގޮތަކަށްކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ފެންވަރުގެ އެއަރޕޯޓަކަށް ވުމުގެ ފުރުސަތު އޮތް އެއާޕޯޓެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ތިލަދުންމަތީގައި ފަތުރުވެރިކަމުގެ ގިނަ ރިސޯޓުތައް ނެތީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވެފައި ނެތުމުންކަމަށެވެ. ތިލަދުންމަތީގައި ރިސޯޓް ތަރައްގީކުރަން ރަށްތައް ވަރަށް ގިނައިން ދޫކުރެވިފައިވާ ކަމަށާއި މަދު ރަށެއް ނޫނީ ތަރައްގީކުރެވިފައި ނުވަނީވެސް އެސަބަބާއި ހެދިމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެއާޕޯޓް ތަރައްޤީކޮށް ނިމުމާއެކު ޓެންޑަރަށް ރަށްތައް ހުޅުވާނުލިޔަސް ރަށްތައް ތަރައްގީކުރުމަށް ބޭނުންވާ މީހުން އެކަން ކުރުމަށް އެދި ހުށައަޅާ އެކަން ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.