"ހިޔާ" މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ހާއްސަ، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށްހުރި ހައުސިންގ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއަކުން ފްލެޓް ހޯދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މިފުރުސަތަކީ، ހިޔާ ފްލެޓަށް ކުރިމަތިލާފައިވާ ފަންނީ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމަ އެއްގައި ލިބިގެންދާނެ ބޯހިޔާވަހިކަމެއްކަމަށް ދެކޭކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ހަމަ އެއާއެކު މިހުޅުވާލެވޭ ފުރުސަތުގެ ދަށުން ހުރި ހައުސިންގ މަޝްރޫއުތަކުގެ ފްލެޓުތައް ވެގެންދާނީ، އެފްލެޓް ތަކުގެ އަގު ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް 03 ކޮޓަރީގެ ފްލެޓްތަކަށްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފްލެޓް ދޫކޮށްލައްވަން އެދިލައްވާ ފަރާތްތަކުން، 6 އޭޕްރީލް އިން ފެށިގެން 19 އޭޕްރީލްގެ ނިޔަލަށް އެ މިނިސްޓްރީއަށް އެކަން އެންގުމަށް އެދޭކަމަށެވެ.