Last Updated: July 1, 00:00
Tuesday, June 30, 2026
ޚަބަރު

އެމްޑީޕީގެ އާންމު މެމްބަރުން ލަދުގަންނަ ހިސާބަށް ސަރުކާރުގެ ކަންކަން ގޮސްފި: ޝިޔާމް

މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ އާންމު މެމްބަރުން ލަދުގަންނަ ހިސާބަށް މިސަރުކާރުގެ ކަންކަން ގޮސްފައިވާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓަރު ނާގާބިލުވުމުން އެކަމަނާއަށް ދެއްވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބަރުތައްކަމަށެވެ. ޝިޔާމް ވިދާޅުވީ ޓްރާންސްޕޯޓް އިތޯރިޓީ ހިންގަންޖެހެނީ މިނިސްޓަރުގެ ބެލުމުގެ ދަށުން ކަމަށާއި، އަދި އެ އޮތޯރިޓީގެ ބޯޑު ބަދަލުކުރުމުގެ ބާރުވެސް އޮތީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ.

ރައިސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅު ދައްކަވައިގެންކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ މިއަދު އެމްޑީޕީގެ އާންމު މެމްބަރުން ލަދުގަންނަ ހިސާބަށް މި ސަރުކާރުގެ ކަންކަން ގޮސްފައިވާކަމަށެވެ.

ޝިޔާމް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ ފެއިލް ނުވާކަމަށާއި، ފެއިލްވެގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީއަށް ހަމައެކަނި ކުރެވުނު ކަމަކީ ރައްޔިތުންގެ ބޮލުގައި ހެލްމެޓް އެޅުމަށް އެންގުން ކަމަށާއި، އިތުރު އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.