މޭޔަރުކަމަށް އިންތިހާބުވާ މީހަކީ ޖަލުގައި އޮންނަ ގައިދީއަކު މިނިވަން ކުރަން އުޅެންޖެހޭނެ މީހެއް ނޫން ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލިޔާސް ލަބީބް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި އެ ސަރުކާރުން މަސައްކަތްކުރީ ކައުންސިލްތަކަށް މަސައްކަތެއް ކުރުމުގެ ފުރުސަތު ނުދީ ކަމަށެވެ.
ޕީޕީއެމުން މިއަދު ކައުންސިލްގެ ވާހަކަ ދައްކާއިރު ޕީޕީއެމްގެ ވެރިކަމުގައި ވެސް މާލޭސިޓީ ކައުންސިލް އޮތްކަން ފާހަގަކޮށް އިލިޔާސް ލަބީބް ވިދާޅުވީ އޭރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ކައުންސިލްގެ ބާރުތައް ނަގާ އޭރުގެ ހައުސިން މިނިސްޓަރު ޑރ، މުހައްމަދު މުއިއްޒުގެ މިނިސްޓްރީއަށް ޖަމާކޮށްގެން ތިބިކަމަށެވެ. އިލުޔާސް ލަބީބް ވިދާޅުވީ މުށުތެރެއަށް ބާރުތައް ލައިގެން އުޅުނު ބަޔަކަށް ކައުންސިލް ހިންގަން ނޭނގޭނެކަމަށެވެ.
"ކައުންސިލްގެ ބަޖެޓާ، ގޮނޑި މޭޒުވެސް ގެންދިޔައީ. އެންމެފަހުން ކައުންސިލަރުން ތިބި އޮފީހުންވެސް ނެރެއެއްލާލީ. އެކަމު މިއަދު ނިކުމެ ތިމަންނަމެން މިތިބީ ކައުންސިލަށް ނިކުމެއޭ މާލޭ މޭޔަރުކަމަށް ވޯޓު ދޭށޭ، ލަދެއް ހަޔާތެއް ނެތެއްނޫންތޯ އިއްޒަތްތެރި ރައީސް، މިވަރު ބަޔަކު މިވާހަކަ ދައްކަން."އިލިޔާސް ލަބީބް ވިދާޅުވިއެވެ.
އިލިޔާސް ލަބީބް ވިދާޅުވީ މާލޭ މޭޔަރުކަމަށް އަންނަ މީހަކީ ޖަލުގައި އޮންނަ ގައިދީއަކު މިނިވަންކުރަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށްދާންޖެހޭނެ މީހެއް ނޫންކަމަށެވެ. އެހެންނަމަވެސް މުއިއްޒުއަށް އެކަން މިހާރު ވެސް އޮޅިފައިވާކަމަށް ވިދާޅުވިއެވެ.