Last Updated: July 1, 00:00
Tuesday, June 30, 2026
ޚަބަރު

މި ސަރުކާރުގެ ވެންޓިލޭޓަރަކީ ރައީސް ނަޝީދު: ހުސައިން މުހައްމަދު ލަތީފް

މެމްބަރު ހުސައިން މުހައްމަދު ލަތީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މި ސަރުކާރުގެ ވެންޓިލޭޓަރު ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލަށް ވާހަކަ ދައްކަވަމުން ހުސައިން މުހައްމަދު ވިދާޅުވީ މި ސަރުކާރު މިއަދު ހިނގާގޮތް ރައްޔިތުންނަށް ފެންނަކަމަށާއި، ސަރުކާރު އެހާ ސްލޯ ކަމަށެވެ.

ރައީސް ނަޝީދު ވެވަޑައިގެންފައިވަނީ މިސަރުކާރުގެ ވެންޓިލޭޓަރަށް ކަމަށް ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

"މަނިކުފާނު ނެތްނަމަ، މިސަރުކާރު ނޭވާވެސް ނުލީސް." ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބަސް ވާދަކުރައްވާ ކެނޑިޑޭޓުން ގޮވައިގެން މަގުމަތީގައި ހިންގަވާ އެމްޑީޕީއަށް ގެއްލުފައިވާ ތާއީދު ހޯދުމަށް މަސައްކަތް ކުރައްވަނީ ރައީސް ނަޝީދު ކަމަށް ހުސައިން މުހައްމަދު ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ ނަން ހަރާބުވެފައިވަނީ މި ސަރުކާރުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.