Last Updated: July 1, 00:00
Tuesday, June 30, 2026
ޚަބަރު

ޑރ. މުއިއްޒު، އިބްރާއާ ބައްދަލުކުރައްވައިފި

ޕީޕީއެމްގެ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، އެމްޑިޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ)އާ ބައްދަލުކުރައްވައިފިއެވެ.

އިބްރާއާ މުއިއްޒު އެކުގައި ތިއްބެވި ފޮޓޮއެއް ހިއްސާކުރައްވާ އިބްރާ ވިދާޅުވެފައިވަނީ ޑރ. މުއިއްޒު ރޭގެ ވަގުތެއްގައި ބައްދަލުކުރެއްވި ކަމަށެވެ.

މި ބައްދަލުވުމުގައި ޑރ. މުއިއްޒު މާލޭގެ ކަންކަމާއި ރައްޔިތުންގެ ހާލަތާއި ސިޔާސީ މަޝްރަހާ މެދު އޭނާގެ ހިޔާލު ހޯއްދެވި ކަމަށް އިބްރާގެ ޓްވީޓްގައިވެއެވެ.

"ކަމެއްގައި ހިޔާލެއް ދެވޭނީ ބޭނުންވެގެން އައި މީހަކަށް. އަދި ވަޑައިގަތީ މުއިއްޒު." އިބްރާގެ ޓްވީޓްގައިވެއެވެ.

އިބްރާ ވިދާޅުވީ، މުއިއްޒު ހޮވިއްޖެ ނަމަ އެހީތެރިކަން ބޭނުންވާނެ ކަމަށް މުއިއްޒު ވިދާޅުވިކަމަށާއި، އަދި ރައްޔިތުންގެ ކަންކަމުގައި ދެވެން އޮތް ހިދުމަތެއް ދޭނެވާހަކަ ދެންނެވިންކަމަށެވެ.

މާލޭ މޭޔަރު ކަމަށް މުއިއްޒުގެ އިތުރުން ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި އަނަސް އަބްދުއްސައްތާރު އަދި އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހުމީއެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 10 ވަނަ ދުވަހުއެވެ.