Last Updated: April 24, 19:12
Wednesday, April 24, 2024
ޚަބަރު ކައުންސިލް އިންތިހާބް

ހަތަރު މޭޔަރު ކަމާ 1000 ގޮނޑި ކާމިޔާބު ކުރާނަން: ރައީސް ނަޝީދު

ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީގެ މޭޔަރުކަމާއި 1000 ގޮނޑި އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ރަށްވެހި ފަތިސް" ނިންމާލުމަށް އއ. ރަސްދޫ ފަޅުތެރޭގައި މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަަޑައިގަތުމުގެ ކުރިން ވާޙަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ އެއްވެސް އިންތިހާބަކުން ބަލިވެދާނެ ނުވަތަ އުނދަގޫވެދާނެ ކަމުގެ ވިސްނުމާއި ފިކުރު ގެންގުޅޭ ޕާޓީއެއް ނޫން ކަމަށެވެ.

އެމްޑީޕީން މި އިންތިހާބުގައި 1500 އެއްހާ ގޮނޑިއަށް ކުރިމަތިލާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އޭގެތެރެއިން 1000 ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި ހަތަރު ސިތީގެ މޭޔަރުކަންވެސް ކާމިޔާބު ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އައްޑޫން ފެށިގެން އައިސް، ކުޅުދުއްފުއްޓާ، ފުވަމުލަކާއި މާލެ މި ހަތަރު ސިޓީގެ މޭޔަރުކަން އިރާދަކުރެއްވިއްޔާ އެމްޑީޕީން ފަސޭހަކަމާއެކު ބޮޑުތަނުން ނަގާނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އަދި ސަޕޯޓަރުން ފޯކަސް ގެއްލުވާލައިގެން ނުވާނެ ކަމަށާއި، އެމްޑީޕީގެ ވިސްނުމާއި މިސްރާބު ގެއްލިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި އިންތިހާބު ނިންމާނީ ކާމިޔާބުކޮށްގެން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.