Last Updated: April 20, 09:47
Saturday, April 20, 2024
ކޮލަމް

އެމްޑީޕީ މުޅި ލީޑަރޝިޕްގެ އަމާޒު މުއިއްޒަށް. މިވަނީ ކިހިނެއް؟

ފޮޓޯ: ސޯޝަލް މީޑިއާ

މިވާހަކަ ނުދައްކާ ހުރެވޭތޯ ވަރަށް މަސައްކަތް ކޮށްފީމެވެ. އެހެންނަމަވެސް ފެންނަ މަޒަރުތަކުންނާ އިވޭ ވާހަކަތަކުން މިވާހަކަ ނުދައްކާ ދޫކޮށްލައިގެން ނުހުރެވުނީއެވެ. ވީހާވެސް ކުރުކޮށް ބުނެނިންމާލެވޭތޯ ބަލާނަމެވެ.

މާދަމާއަކީ ސަރުކާރާއި ސިޔާސީ ޕާޓީތަކާއި ރައްޔިތުންނަށް ބޮޑު ދުވަހެކެވެ. މި ޤައުމަށް ބޮޑު ދުވަހެކެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބެވެ. އިންތިހާބަށް ޕާޓީތަކުގެ ކެމްޕޭނު ފޯރިވެސް މިވަނީ ގަދަވެފައެވެ. އެހެންނަމަވެސް އެންމެ ފޯރި ގަދައީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ކުރެވޭ ކެމްޕޭނެވެ.

މިނިމުނު ހަފްތާއަށް ޖުމުލަކޮށް ބަލާލައިފިނަމަ ފެންނަނީ ބިޔަ ބޮޑު އެމްޑީޕީ އެންމެ މީހަކު ފަހާ ދުވާ ތަނެވެ. ހަމަ އެންމެ މީހެއްގެ ވާހަކަ ދެއްކުން ފިޔަވާ އިތުރު އެއްވެސް ކަމެއް އެމްޑީޕީއަށް ނެތްފަދައެވެ. ދުރުން މަންޒަރު ބަލާންހުރި މީހަކަށް މި އިންތިހާބަކީ އެމްޑީޕީއާ ވަކި ފަރުދަކާ ދެމެދު ހިނގާ އިންތިހާބެއް ކަމަށް ގަބޫލުކުރެވޭނެއެވެ.

މުޅި އެމްޑީޕީގެ ލީޑަރޝިޕް މިނިމުނު ހަފްތާގައި އެ ދުވީ މާލޭ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފަހައެވެ. މުއިއްޒުއާ ވާދަކުރައްވަނީ އެމްޑީޕީގެ ކުރީގެ ސެކްރަޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

އެމްޑީޕީގެ ކެމްޕޭނު މެކުހަށް ޖެހީ މިދިޔަ ހަފްތާގައެވެ. މަޖިލީހުގެ ގިނަ މެމްބަރުން މިދިޔަ ހަފްތާގައި ދާއިރާތަކަށް ދަތުރުތައް ކުރެއްވުމަށް މަޖިލީހަށް ސަލާމް ބުނި ކަމުގައި ވީނަމަވެސް މާލޭގެ މެމްބަރުންނާއި މަޖިލީހަށް ހާޒިރުވެ ތިއްބެވި މެމްބަރުން މަޖިލީހުގެ ތަޅުމުގައި ދެއްކެވީ ހަމަ އެންމެ މީހެއްގެ ވާހަކައޭ ބުނުން ދޮގަކަށް ނުވާނެއެވެ.

މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވާ, މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ދައްކަވާ ވާހަކަތަކުގެ ފޯރި ގަދަވާކަން ފާހަގަކުރެއްވީވެސް, މަންޒަރު ބަލާންތިބި މީހުނަށް އެކަން ފާހަގަވާ ވަރަށް ކަންކަން ދިއުމުންނެވެ. މިދިޔަ ހަފްތާގެ މަޖިލީހުގެ ތިން ޖަލްސާގައިވެސް އެމްޑީޕީގެ މަދު މެމްބަރަކު ފިޔަވާ އެހެން ހުރިހާ މެމްބަރުންގެ އަމާޒު ގޮސް ހުއްޓެނީ ޑރ. މުއިއްޒަށެވެ.

މަލްޓިޕާޕަސް ހޯލު އިމާރާތްކުރުން ލަސްވާތީ ހުށަހެޅި ޤަރާރަށް ކުރި ބަހުސަށްވިޔަސް, ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބަހުސަށް ވިޔަސް އަދި ރެވެނިއު ސްޓޭޕް ޖެހުން ހުއްޓާލުމުގެ ބަހުސް ކަމުގައި ވީނަމަވެސް, މިހުރިހާ ބަހުސެއްވެސް ގޮސް ހުއްޓުނީ ޑރ. މުއިއްޒާ ހިސާބުންނެވެ. ކޮންމެވެސް ގޮތަކުން އެމްޑީޕީގެ މެމްބަރުން މިވާހަކަތަކުގެ ތެރެއިން މުއިއްޒުއަށް އަމާޒުކޮށް ކޮންމެވެސް އެއްޗެއް ބުނެލާފައިނޫނި ހުއްޓައެއް ނުލެއްވިއެވެ.

ބަހުސްތަކުގެ ފޯރި ގަދަވެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެންމެ ފަހުން ވިދާޅުވީ މުއިއްޒުއާ ވާދަކުރައްވާ އަނަސް އަކީ އެމްޑީޕީ ކަމަށެވެ.

"އަނަސް އަބްދުއްސައްތާރުގެ ވަކި ވިސްނުމެއް ނޯންނާނެ. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފިކުރު …. އަޅުގަނޑުމެންގެ ކެނޑިޑޭޓުންގެ ފޮޓޯ ހުންނާނެ ޖަހާފަ. ވޯޓު ކަރުދާސްކޮޅުގަ ހުންނާނެ ފޮޓޯ ޖަހާފަ. ހުރިހާ ފޮޓޮއެއް ހުންނާނީ އެއްގޮތަކަށް. އެއީ ތިލަފަތް. އަނަސް އަބްދުއްސައްތާރު ފެންނާނީ ތިލަފަތެއްގެ ސިފައިގަ.." ހަސަން ލަތީފް ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގެ އިތުރުން އެމްޑީޕީ ހަރުގެ ކައިރީގައާއި ދެންވެސް އެމްޑީޕީން އެއްވުމެއް މިދިޔަ ހަފްތާގައި ތަނެއްގައި ބޭއްވި ނަމަ އެތަނެއްގައި ވެސް ދެއްކީ މުއިއްޒުގެ ވާހަކައެވެ. އެމްޑީޕީގެ މޭޔަރަލް ކެނޑިޑޭޓް އަނަސްއަށް ވޯޓުލާންވީ ސަބަބު ކިޔައިދިނުމަށްވުރެއް ގިނަ އިރު އެމްޑީޕީގެ ލީޑަރޝިޕުން މި ބައްދަލުވުންތަކުގައި ވެސް ހޭދަކުރީ މުއިއްޒުއަށް ވޯޓު ނުލާންވީ ސަބަބުތައް ކިޔައިދިނުމުގައެވެ.

އެންމެ ފަހުންގޮސް އެމްޑީޕީ "ރަށްވެހި ފަތިސް" ކެމްޕޭނު ނިންމާލުމަށް ރޭ ރަސްދޫ ފަޅުތެރޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީ ލީޑަރޝިޕްގެ ބޭބޭފުޅުންގެ ވާހަކަތައްވެސް މުޅިން އަމާޒު ކޮށްފައި ހުރީ ޑރ. މުއިއްޒަށެވެ. މިނިސްޓަރު މާރިޔާ ދީދީ, މިނިސްޓަރު އަބްދުالله ޝާހިދު, އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް, މެމްބަރު އިމްތިޔާޒް ފަހުމީ, މެމްބަރު މުހައްމަދު ވަހީދު އަދި މެމްބަރު އަލީ އާޒިމް ފަދަ ބޭބޭފުޅުންގެ މުޅި ވާހަކަ އެއްކޮށް އަމާޒުކޮށްފައި ވަނީ ކުރީ ސަރުކާރުގައި ޑރ. މުއިއްޒު ކަންކުރެއްވި ގޮތަށެވެ.

ނިމުނު ހަފްތާގައި އެމްޑީޕީން މުޅިން ދެއްކީ މުއިއްޒުގެ ވާހަކައޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް ފާހަގަވާވަރަށް މިކަން މިވަރަށް މިހިނގާދިޔައީ ކީއްވެބާއެވެ؟ އެމްޑީޕީއަށް މާލޭގެ މޭޔަރުގެ ގޮނޑި ނެގޭނޭ ކަމުގެ ޔަގީންކަން ނެތީބާއެވެ؟ އަނަސްއަށް ގިނަ ބައެއްގެ ތާއީދު ނެތީބާއެވެ؟ ޑރ. މުއިއްޒު މޭޔަރުކަން ކާމިޔާބު ކޮށްފާނެކަމަށް އެމްޑީޕީގެ ލީޑަޝިޕަށް ހީވަނީ ބާއެވެ؟ ނޫނީ މުއިއްޒު ކުރި އަނިޔާގެ ބޮޑުކަމުން އެވާހަކަ ދެއްކޭލެއް ގިނައީ ބާވައެވެ؟