Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ސާއިދުގެ ކިޑްނީ ޓްރާންސްޕްލާންޓަށް 300،000 ރުފިޔާގެެ އެހީއެއް

ރާއްޖޭގެ ޒުވާން ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދުގެ ކިޑްނީ ޓްރާންސްޕްލާންޓަށް ދިވެހި ފުޓްބޯޅަ އާއިލާގެ ފަރާތުން 300،000 ރުފިޔާގެ އެހީއެއް ދީފިއެވެ.

މިއަދު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި އޮތް ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މެޗު ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ފުޓުބޯޅަ ޢާއިލާގެ ފަރާތުން ސާޢިދަށް ދިން 300،000 ރުފިޔާގެ ފައިސާގެ އެހީގެ ރަމްޒީ ޗެކް އޭނާއާ ހަވާލުކޮށްދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް ޢަދީލް ޖަލީލެވެ.

ސާއިދުގެ ދެ ކިޑްނީ ފެއިލްވެ އެހީއަކަށް އެދީ އާދޭސްކުރަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާއިރު، ސާއިދުގެ އުއްމީދަކީ ވީހާވެސް އަވަހަކަށް ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފުރޭނެ ދުވަހަކެވެ.

2009 ވަނަ އަހަރު ސަންއެފްއެމްއިން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް ސާއިދަކީ މިހާރުވެސް މި ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތެކެވެ. އެގޮތުން ސާއިދު މިހާރު މަސައްކަތް ކުރަމުން އަންނަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގައެވެ.