Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ޔާމީންއާ ގުޅޭގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް: އިދިކޮޅު

ޕީޕީއެމްގެ ބައްދަލުވުމެއްގައި ރައީސް ޔާމީން -- ފޮޓޯ / ސަން

މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުޢިއްޒަށް ވޯޓު ނުލައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމެވި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ދޮގުކޮށްފިއެވެ.

އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ގޮތަކަށް ޢަމަލު ކުރައްވަން ޔާމީން ނިންމަވާފައި ނުވާ ކަމުގެ ކަށަވަރުކަން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ދީފައިވާ ކަމަށެވެ.

އަދި ޑރ. މުޢިއްޒު އެކޭ އެއްފަދައިން މިފަހަރުގެ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ޔާމީންގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތް ކަމުގެ ކަށަވަރުކަން ވެސް ގާނޫނީ ވަކީލުންގެ ޓީމުން ދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އެހެންކަމުން އިރުވަރު އޮންލައިން ނޫހުގައި ޖަހާފައިވާ ޚަބަރު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މިފަދަ ހަޤީޤަތާއި ޚިލާފު، ދޮގު ޚަބަރު ތައް ނޫސްތަކުގައި ލިޔެގެން މިޕާޓިގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ޙައްޤަށް އަރައި ނުގަތުމަށާއި، ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުން ބޭރު ނުވުމަށް އިލްތިމާސް ކުރަމެވެ" އެ ބަޔާނުގައި ވެއެވެ.

އަދި މިފަދަ ޚަބަރުތައް ލިޔާއިރު ކަމުގެ ފުރިހަމަ މަޢުލޫމާތު ހޯދައި، ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށާއި މިމައްސަލަ މީޑިއާ ކައުންސިލާއި އިލްކެޝަންސް ކޮމިޝަނުން، އަދިވެސް ކަމާ ބެހޭ މުއައްސަސާތަކުން ބަލައި ފިޔަވަޅު އެޅުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.