މިނިވަންކަމާއި ރައްކާތެރިކަމާއެކު ވޯޓު ލުމުގެ ހައްޤު ބޭނުންކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ގޮވާލައްވައިފިއެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ އިންތިހާބުގައި ވޯޓު ލެއްވިކަން ހާމަކުރައްވާފައެވެ.
އަދި އެދިވަޑައިގެންފައިވަނީ ރައްކާތެރިކަމާއި މިނިވަން ކަމާއެކު ވޯޓު ލުމުގެ ހައްޤުގެ ބޭނުންކުރުމަށެވެ.
މި އިންތިހާބުގައި ޖުމުލަ 713 ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. އެއީ މާލޭގައި 242 ވޯޓު ފޮށްޓާއި، އަތޮޅުތަކުގައި 325 ވޯޓު ފޮށްޓާއި، ރިސޯޓްތަކުގައި 137 ވޯޓު ފޮށްޓާއި، ޖަލުގައި 4 ވޯޓު ފޮށީގެ އިތުރުން އިންޑިއާގައި ބެހެއްޓި ފޮށްޓާއި ލަންކާގައި ބެހެއްޓި 4 ފޮށްޓެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 273،182 މީހުންނަށެވެ. ކައުންސިލްތަކަށް 2،234 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަންހެނުންގެ ކޮމިޓީތަކަށް 1،580 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ.
އިންތިހާބަކާ ނުލައި ކައުންސިލްގެ 22 މަގާމަކަށް 30 މެންބަރުން އިންތިހާބުވެފައިވާއިރު އަންހެނުންގެ ކޮމިޓީގެ 31 ދާއިރާއަކަށް 90 މެންބަރުން އިންތިހާބުވެފައިވެއެވެ.