ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު ގިނަ ވޯޓުލާ މަރުކަޒުތައް ފެންނަނީ ހުސްކޮށެވެ.
މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެނެވެ.
އިންތިހާބުގެ ވޯޓުލުން މިއަދު ފެށިގެން ކުރިއަށްދާއިރު މާލޭގެ ގިނަ ވޯޓުލާ މަރުކަޒުތައް އަދި ފެންނަނީ ހުސްކޮށެވެ. އައްޑޫސިޓީގައިވެސް އަދި މިހާތަނަށް އައިއިރު ވޯޓުލުމަށް ނިކުމެފައިވަނީ މަދުބަޔެކެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވާގޮތުގައި ބައެއް ވޯޓު ފޮށިތަކުގެ ކައިރީގައި ވޯޓުލާނެ ބަޔަކު ނެތުމުން އެ ފޮށިތަކުގައި ވޯޓުލުން ފެށުނީވެސް ލަހުންނެވެ.
އަދި ޝަރީފް ވިދާޅުވެފައިވަނީ ހެނދުނު 08:20 ވީއިރުވެސް ވޯޓުލާން ފެށިފައިވަނީ 72 އިންސައްތަ ފޮށިގައި ކަމަށެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 273،182 މީހުންނަށެވެ. ކައުންސިލްތަކަށް 2،234 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަންހެނުންގެ ކޮމިޓީތަކަށް 1،580 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ.