Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ދިއްފުށީގައި ވޯޓުލާން ޖެހޭ 510 މީހުން ކަރަންޓީނުގައި

މާލެ އަތޮޅު ދިއްފުށީގައި ވޯޓުލާންޖެހޭ 510 މީހުން ތިބީ ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނެޝަނަލް އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ދިއްފުށިން ގިނަ ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި އަދި ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީންގައި އެބަތިބި ކަމަށެވެ. ދިއްފުށިން ވޯޓުލާންޖެހޭ މީހުންގެ ޖުމްލަ އަދަދަކީ 710 އެކެވެ.

ވޯޓުލާންޖެހޭ މީހުންގެ އަދަދުގެ ބޮޑުބައި ކަރަންޓީނުގައި ތިބުމުގެ ސަބަބުން އެ ރަށުގައި ކަރަންޓީނު ނުވެ ތިބި މީހުން ވޯޓުލާ ނިމޭ ގަޑިއެއްގެ ގޮތުގައި މެންދުރު 14:00 އެޑްވައިޒަރީ ކޮމިޓީގެ ލަފައާއެކު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތަށް ހަމަޖައްސަން ޖެހުނީ ކަރަންޓީނުގައި ގިނަ ބަޔަކު ތިބުމުން، އެމީހުންނާއި އެހެންމީހުންނާ ބައްދަލު ނުވާނެ ގޮތަކަށް ވޯޓުލުމުގެ ފުރުސަތު އެމީހުންނަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށް ވެސް އީސީގެ ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 ގުޅިގެން ކަރަންޓީނުގައި ތިބި މީހުން ފިޔަވައި އެހެންމީހުންނަށް ވޯޓުލާން ހުޅުވާލާފައި ވަނީ، ހެނދުނު 7:00 އިން ފެށީގެން 17:00 އަށެވެ. ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓުލާން ކަނޑައަޅާފައިވާ ގަޑިއަކީ ހަވީރު 17:00 އިން ފެށިގެން 18:00 އަށެވެ.