މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ބާރުތައް ދިނުން ކަމަށާއި، ރައްޔިތުންނަށް ލިބިފައިވާ ވޯޓޫ ލުމުގެ ހައްޤުގެ ބޭނުންކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖެ ދަތުރުކުރަމުން ދަނީ ލާމަރުކަޒީ ނިޒާމުގެ ދަަށުން ކަމަށާއި، ކޮންމެ ރަށެއްގައި ވެސް ހިނގާ ކަންކަމުގައި ބަސް ބުނުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެކަމަށެވެ.
ކުރިން ކުޑަަ މީހާ އަށް ކުޑަ ގޮތް އޮތް ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާ ކަމަށާއި، މިހާރު ރާއްޖޭގައި ތިބީ ހުސް އެއްވަރެއްގެ މީހުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރަށްރަށުގެ ކަންކަން މިހާރު އިންތިޒާމު ވާންޖެހޭނީ ރައްޔިތުންގެ ބަހާއެކުކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ބާރުތައް ދޫކޮށްލުންކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ ކުރިން ސަރުކާރުން ހިފަހައްޓާފައިވާ އެތައް ބާރެއް މި ސަރުކާރުން ދޫކޮށްލާފައިވާކަމަށެވެ. އަދި ވޯޓު ލުމުގެ ހައްޤު އަދާކުރުމަށްޓަކައި، ބަސް ބުނުމަށްޓަކައި، އަޑު އުފުލުމަށްޓަކައި އަދި ބޭނުންވާ ބަޔަކު އަޅުގަނޑުމެންގެ ކަންތައްތައް ކުރުމަށް ނެރުމަށްޓަކައި އެ ހައްގު އަދާކުރުމަށް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.