Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އަޅުގަނޑުގެ ފަރާތުން މުއިއްޒުއަށް އެއްބާރުލުން ދޭނަން: މަޖިލިސް ރައީސް

ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ - ފޮޓޯ: އެމްޑީޕީ

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި އިދިކޮޅުގެ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ޑރ. މުއިއްޒު މާލޭގެ މޭޔަރަކަށް ހޮވިވަޑައިގަތުމުން އެ ބޭފުޅާއަށް މަރުހަބާ ވިދާޅުވެ، ކުރެއްވި ޓުވީޓެއްގަ އެވެ.

ކައުންސިލް އިންތިހާބު ޑރ މުއިއްޒު ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ. މުއިއްޒަށް މަރުހަބާ ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ކަންކަން ހައްލުކުރުމުގައި މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"މާލޭގެ މޭޔަރު ކަމަށް ހޮވުނު ޑރ. މުއިއްޒުއަށް މަރުޙަބާ. އަޅުގަނޑު އުއްމީދު ކުރަނީ މާލޭގެ ކަންކަން ހައްލު ކުރުމުގައި މަނިކުފާނު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް. އަޅުގަނޑުގެ ފަރާތުން މަނިކުފާނަށް ދޭންޖެހޭ އެއްބާރުލުން ދޭނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ހޯދި ކާމިޔާބީއަށް ވެސް މަރުހަބާ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ މާލެ ފިޔަވައި، އެހެން ގިނަ ކައުންސިލްތަކުގެ އަގުލަބިއްޔަތު ހޯދާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އިންތިހާބުގައި މާލެ ސީޓީއަށް ޕީޕީއެމް އަދި އެހެން ޕާޓީތަކުން ވެސް އިންތިހާބުވި ކެންޑިޑޭޓުންނާ އެކު ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.