Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

އެމްޑީޕީއަށް ކާމިޔާބު ނުވީ އެތެރޭގައި ހުރި ރެނދުތަކުގެ ސަބަބުން:ފައްޔާޒް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގްރޭޓާ މާލެ ސަރަހައްދުން އެ ޕާޓީއަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުނީ އެތެރޭގައި ހުރި ރެނދުތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން ވަނީ މާލެ ސިޓީގެ މޭޔަރުކަމާ އެކު، އެ ސިޓީގެ އަޣުލަބިއްޔަތު ނަގާފައެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓްވީޓްގައި ފައްޔާޒް ވިދާޅުވީ އިއްޔެގެ އިންތިހާބީ ގިނަ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމަށް ލިބުނު ފުރިހަމަ ކާމިޔާބެއް ކަމަށެވެ. ނަމަވެސް ގްރޭޓާ މާލެ ސަރަހައްދުން އެމްޑީޕީއަށް ވަރަށް ބޮޑު ނާކާމިޔާބެއް ލިބިފައިވާ ކަމަށެވެ.

ޓްވީޓްގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް މާލެ ކާމިޔާބު ނުވީ ކޮވިޑްގެ ފިޔަވަޅުތަކާއި ސަރުކާރާމެދު އޮތް ހިތްހަމަނުޖެހުމާ، ކުރެވޭ ބޮޑެތި އުންމީދުތަކުގެ އިތުރުން ޕާޓީގެ "އެތެރޭގައި ހުރި ރެނދުތަކުގެ" ސަބަބުން ކަމަށެވެ. ނަމަވެސް މި އިންތިހާބުން ފިލާވަޅު ލިބި، ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ ކަންކަން ހަރުދަނާ ކުރާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބު ނިމިގެން ދިޔައީ މާލޭގެ އިތުރުން އައްޑޫ ސިޓީއިން ވެސް ކުރިން އޮތް ތާއީދު އެމްޑީޕީއަށް ގެއްލިފައިވާކަން ދައްކުވާފައެވެ.