Last Updated: April 20, 08:45
Saturday, April 20, 2024
ޚަބަރު

ރައްޔިތުން ކުރެއްވި އިތުބާރު، އަމާނާތްތެރިކަމާއެކު، ނަތީޖާއިން އަދާކޮށްދޭނަން: ޑރ. މުއިއްޒު

ހައުސިން މިނިސްޓަރ މުއިއްޒު ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވަނީ: ފޮޓޯ - ރައީސް އޮފީސް

ރައްޔިތުން ކުރެއްވި އިތުބާރު، އަމާނާތްތެރިކަމާއެކު، ނަތީޖާއިން އަދާކޮށް ދެއްވާނެ ކަމަށް މާލެ ސިޓީ ކައުންސިލަށް ހޮވިވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ އެ މަނިކުފާނު މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގަތުމުން ވޯޓު ދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

"އަލްޙަމްދުލިއްލާހި. މާލޭގެ ރައްޔިތުންގެ ކުރިމަގު ބައްޓަން ކުރުމުގައި ނަތީޖާ ނެރެދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑާއިމެދު އޮތްކަން މާލޭ ރައްޔިތުން ހާމަކޮށްދެއްވީތީ އިޙްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ރައްޔިތުން ކުރެއްވި އިތުބާރު އަމާނާތްތެރިކަމާއެކު ނަތީޖާއިން އަދާކޮށްދޭނަން އިންޝާﷲ." ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ކައުންސިލް އިންތިހާބު އެމްޑީޕީ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރާ ވާދަކޮށް މުއިއްޒު ވަނީ ކާމިޔާބުކުރައްވައިފަ އެވެ. މުއިއްޒު ކެމްޕެއިންގެ އެންމެ ބޮޑު ވައުދަކީ މާލޭ ރައްޔިތުނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ރައްޔިތުން ގެދޮރުވެރިކުރުމެވެ.