Last Updated: April 20, 09:23
Saturday, April 20, 2024
ޚަބަރު

ޖިންސީ ތުހުމަތެއްގައި ޖަލުގައި އޮތް މީހަކަށް ކައުންސިލްގެ ރައީސްކަން ލިބިއްޖެ

ފޮޓޯ: ސަންއޮންލައިން

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ދައުވާ އުފުލައި ހައްޔަރުކޮށްފައިވާ ގދ. ގައްދޫ ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ) އެ އަތޮޅު ކައުންސިލް ރައީސްކަމަށް ވާދަކޮށް 85 ވޯޓުގެ ތަފާތަކާއިއެކު އެ މަގާމު ކާމިޔާބުކޮށްފި އެވެ.

މުހައްމަދު އަހުމަދު ގައްދޫ ކައުންސިލް ރައީސްކަމަށް ވާދަކޮށްފައިވަނީ ޕީޕީއެމްގެ ފަރާތުންނެވެ. އޭނާ އިއްޔެ ކުރިޔަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ގައްދޫ ކައުންސިލް ރައީސްކަމަށް ހޮވުނީ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އޭނާއާ އެކު ދެން އެ މަގާމަށް ވާދަކުރި އެމްޑީޕީގެ މުހައްމަދު ރިޟާން ގެ މައްޗަށް 85 ވޯޓުގެ ކުރިއެރުމެއް ހޯދައިގެންނެވެ.

737 ވޯޓާއިއެކު މުހައްމަދު އަހުމަދު ގައްދޫ ކައުންސިލްގެ ރައީސްކަން ކާމިޔާބު ކުރެއްވި އިރު، އޭނާއާއި ވާދަކުރެއްވި އެމްޑީޕީގެ ރިޝާންއަށް ލިބިވަޑައިގަތީ 652 ވޯޓު ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ.

މީގެ ކުރިންވެސް ގައްދޫ ކައުންސިލް ރައީސްކަން ކުރި މުހައްމަދު އަހުމަދު މިފަހަރުވެސް އެމަގާމަށް ހޮވުނުއިރު އަދިވެސް އޭނާގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އޮތީ އުފުލާފަ އެވެ. އަދި އެ މައްސަލަތަކާ ގުޅިގެން އޭނާ އޮތީ ފުލުހުންގެ ހައްޔަރުގަ އެވެ.

މުހައްމަދު އަހުމަދުގެ މައްޗަށް ތުހުމަތު ކުރެވެނީ 2015 ވަނަ އަހަރު އޭނާ ކައުންސިލު ރައީސްކަމުގައި ހުންނެވި އިރު ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. މިދައުވާގެ މައްސަލަ އަދިވެސް އޮތީ ގައްދޫ މެޖިސްޓްރޭޓު ކޯޓުގައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ތެރޭ މުހައްމަދު އަހުމަދުގެ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފަ އެވެ. އަދި މިދަޢުވާތަކުގެ ޝަރީޢަތް ފަށާފައިނުވާ ކަމަށް ވެއެވެ.

މި ދައުވާތަކަކީ ޕީޕީއެމްގެ ފަރާތުން މުހައްމަދު އަހުމަދު ގައްދޫ ކައުންސިލް ރައީސްކަމަށް ކުރިމަތިލިއިރުވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކެކެވެ. މި ދައުވާތަކުގެ އެއްވެސް މައްސަލައެއް ޝަރީއަތަށް އަދި ސާބިތުނުވާތީވެ، އިލެކްޝަންސް ކޮމިޝަނުން މުހައްމަދު އަހުމަދުގެ ކެންޑިޑެސީއާ މެދު ވަކި ގޮތެއް ނިންމާފައި ނުވާތީވެ، އޭނާއަށް ވަނީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ލިބިފަ އެވެ.