މާލެސިޓީ ކައުންސިލް ނާކާމިޔާބު ވެފައިވަނީ ކޮރަޕްޝަނުގެ މައްސަލަތައް އަދި މަރުގެ މައްސަލަތައް ބެލުމުގެ ވައުދުތައް ނުފުއްދި ލަސްވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ސޯލިހް ވިދާޅުވެފައިވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަން އިންތިހާބުން އިނގިގެން ހިނގައްޖެ ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލެސިޓީ ކައުންސިލަށް އައި ބަދަލާމެދު ވިސްނަންޖެހޭ ކަމަށެވެ.
"މާލެސިޓީ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި. އެކަންކަން އިނގޭނީ ދިރާސާކޮށް ބެލުމުން." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޯހިޔާހިކަމުގެ ކަންކަމަކީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމެއް ކަމަށާއި، އަދި ކޮވިޑްގެ ސަބަބުން އެޅި ފިޔަވަޅު ތަކުގެ ކަންބޮޑުވުންވެސް އެބަ އޮތްކަމަށެވެ. އޭގެއިތުރުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ ބެލުމާއި މަރުގެ މައްސަލަތައް ބެލުމުގައި ހުރި ލަސްތަކުގެ ކަންބޮޑުވުންވެސް ހުރިކަމަށް ވިދާޅުވިއެވެ.
އަދި މަޖިލީހުގެ ތެރޭގައި މައްސަލައެއް ހުރިތޯވެސް ބަލާނެ ކަމަށާއި، މައްސަލައެއް އުޅޭނަމަ އެކަންކަން ހައްލު ކުރާނެ ކަމަށް ރައިސް ވިދާޅުވިއެވެ.
އިންތިހާބުވި ކައުންސިލް ތަކުގެ ތެރޭގައި 35 އިންސައްތައަށް ވުރެއް ބައިވަރު ގޮނޑި އަންހެނުން ކާމިޔާބު ކޮށްފައިވާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ހިންގުމުގެ ދާއިރާގައި އަންހެނުން ބައިވެރިކުރުން އިތުރުކުރުމުގެ ސިޔާސަތަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި، އެކަން ހާސިލުވެފައިވާކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ 92 އިންސައްތަ ވޯޓު ގުނިއިރު 42 އިންސައްތަ ވޯޓް އެމްޑީޕީއަށް ލިބިފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މިޑްޓާމް އިންތިހާބެއްގައި މިވަރުގެ ކާމިޔާބީއެއް އެހެން ސަރުކާރަށް ލިބިފައެއް ނެތް ކަމަށެވެ. އަދި ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކަންކަން ކުރަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.