ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެޔަށް ބަދަލުކޮށްދިނުމަށް އެދިފައިވާތީ އެކަމުގައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައިސް ސޯލިހް ވިދާޅުވީ، ރައީސް ޔާމީންގެ އަނބިކަނބަލުންގެ ސިޓީއެއްވެސް ލިބިފައިވާކަމަށާއި، އަދި އެކަމާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކާވެސް ބައްދަލުކޮށްފައިވާކަމަށެވެ.
ސިޓީގައި ސިއްހީ ބައެއް ކަންކަމުގެ ވާހަކަ ފާހަގަކޮށްފައި ހުރިކަމަށާއި، އެކަމާއި ގުޅިގެން މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ދެރަގޮތެއް ރައީސް ޔާމީނަކަށްވެސް ނުވާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން އަންނަނީ ރޯދަ މަހަށް ރައީސް ޔާމީނަށް ލުޔެއް ދިނުމަށް ގޮވާލަމުންނެވެ. އެގޮތުން ރައީސް ޔާމީން ގެޔަށް ބަދަލުކުރުމަށް އިދިކޮޅުން އަންނަނީ ގޮވާލަމުންނެވެ.